01 Jul 2016, 10:51
އިނގިރޭސި ކްލަބު ޗެލްސީގެ މެޑިކަލްގައި ބައިވެރިވުމަށް މިޝީ ބަޓްޝުއަޔީ އަށް ހުއްދަ ދީފައިވާނެ ކަމަށް ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު މާކް ވިލްމޮޓްސް ބުނެފި އެވެ.
ޔޫރޯގައި މިދިޔަ އާދީއްތަ ދުވަހު ހަންގޭރީއާ ދެކޮޅަށް ކުޅެ، 4-0 ލަނޑުން ބަލްޖިއަމް މޮޅުވި މެޗުގައި ލަނޑެއް ކާމިޔާބުކުރި ބަޓްޝުއަޔީ ޗެލްސީއާ ގުޅެނީ 40 މިލިއަން ޔޫރޯ އަށް ކަމަށް ހަބަރުތައް ބުނެ އެވެ.
"އަހަރެންގެ ނަސޭހަތަކަށް އޭނާއެއް ނޭދޭ. މެޑިކަލްގައި ބައިވެރިވުމަށް މިޓްޝުއަޔީ ދެ ގަޑިއިރަށް ދޫކޮށްދިނުމަށް އެދުނީ މާސޭ އިން،" ވިލްމޮޓްސް ބުންޏެވެ.
ޔޫރޯގައި ވާދަކުރާ ބެލްޖިއަމް ޓީމުގައި ހިމެނޭ ކުޅުންތެރިން ހޯދުމަށް ކްލަބުތަކުން މަސައްކަތް ކުރަމުންދާ އިރު، އެންމެ ފަހުން ހުށަހެޅުން ލިބުނު އެ ޓީމުގެ ކުޅުންތެރިޔަކީ ޑިފެންޑަރު ތޯމަސް މުނިއާ އެވެ. ކްލަބު ބްރޫޖުގެ މުނިއާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ކްލަބަކީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ކަމަށް ހަބަރުތައް ބުނެ އެވެ.
ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ކުއާޓާ ފައިނަލުގައި މާދަމާ ރޭ 12:00ގައި ބެލްޖިއަމް ނުކުންނަން ޖެހޭނީ ވޭލްސްއާ ދެކޮޅަށެވެ.