20 May 2011, 16:29
ވޮޝިންޓަން : އަރަބި ޤައުމުތަކުގައި ވެރިކަންކުރާ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމުތަކާ ދެކޮޅަށް އެ ޤައުމުތަކުގެ ރައްޔިތުން ގެންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކަށް ތާއީދު ކުރައްވައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވައިފިއެވެ.
އެމެރިކާގެ ޚާރިޖިއްޔާގައި ދެއްވި ޚިތާބެއްގައި އޮބާމާ ވަނީ ޢަރަބި ރައްޔިތުން މަގުތަކަށް ނުކުމެ ޢަރަބި ދުނިޔޭގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމްތައް ވައްޓާލައި ގެންނަމުންގެންދާ އިންޤިލާބުތަކާ ގުޅިގެން އެމެރިކާ ގެންގުޅޭނެ ސްޓްރެޓެޖީ ހާމަކޮށްދެއްވާފަ އެވެ.
މިގޮތުން ރައްޔިތުން މަގުތަކަށް ނުކުމެ ވެރިކަމުގެ ނިޒާމް ބަދަލުކުރި ދެޤައުމު ކަމަށްވާ މިސްރަށާއި ތޫނިސްއަށް އިޤްތިސާދީ ގޮތުން އެމެރިކާ އެހީތެރިވާނެ ކަމަށާއި އެދެޤައުމުގެ ޚުދުމުޚްތާރު ވެރިންނާ ދެކޮޅަށް ރައްޔިތުން ގެނައި އިންޤިލާބުތަކަށް އެމެރިކާ ތާއީދުކުރާ ކަމަށް އޮބާމާ ވިދާޅުވިއެވެ.
http://www.youtube.com/watch?v=-M_CA0orW08
ޢަރަބި ދެޤައުމެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ ދެޒަޢީމެއްގެ ވެރިކަން ނިމުމަކަށް ގެނަސްފައިވާ ކަމަށާއި އެދެޒަޢީމުންނަށް ވީގޮތް ވެގެންދާނެ ޢަރަބި ގިނަޒަޢީމުންތަކެއް ތިއްބެވި ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޮބާމާގެ ޚިތާބުގައި ވިދާޅުވިއެވެ.
އޮބާމާ މިމޭރުމުން ވާހަކަދެއްކެވީ އެމެރިކާގެ ތާއީދުލިބިފައިވާ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކާއި ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ޢަލީ ގެ ޚުދުމުޚްތާރު ނިޒާމްތަކާ ދެކޮޅަށް އެދެޤައުމުގެ ރައްޔިތުން ނުކުމެ އެނިޒާމްތައް ވައްޓާލިއިރުވެސް އެދެބޭފުޅުންގެ ދިފާޢު ކުރުމުގައި އެމެރިކާ ނާކާމިޔާބުވެފައި ވަނިކޮށެވެ.
އޮބާމާގެ ޚިތާބަށް ރައްދު ދެއްވަމުން ބައެއް މުޙައްލިލުން ހާމަކުރެއްވި ގޮތުގައި މުބާރަކު ފަދަ ޚުދުމުޚްތާރު ވެރިން ކުރިޔަށް ނެރެގެން އަމިއްލަ މަސްލަހަތާ އެއްގޮތަށް މެދުއިރުމަތި ކޮންޓްރޯލް ކުރުމަށް އެމެރިކާ ކުރިމަސައްކަތް ޢަރަބި ރައްޔިތުން ނުކުމެ ވަނީ ނާކާމިޔާބު ކޮށްލާފައެވެ.
މިއީ ޚުދުމުޚްތާރު ނިޒާމްތަކަށައި އެނިޒާމްތަކުގެ ފަހަތުގައިވާ އެމެރިޚާގެ ނުފޫޒާ ދެކޮޅަށް ޢަރަބި ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކަށް ވާނުވާ ބައްލަވަން އެތަށްމަހެއްވަންދެން ހުންނެވުމަށްފަހު ރައްޔިތުންގެ ކޮޅު ކުރިއަރާނެކަން ޔަގީންވުމުން އޮބާމާ ދެއްވި ޚިތާބެއް ކަމަށްވެސް އެފަރާތްތަކުން ސިފަކުރެއެވެ.
އޮބާމާ ވިދާޅުވީ އެމެރިކާގެ މުސްތަޤްބަލްވަނީ ޢަރަބި ސަރަޙައްދާ ގުޅިފައި ކަމަށާއި ވެރިކަމާ ދެކޮޅަށް ތެދުވާ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ރައްޔިތުންނަށް އަނިޔާކޮށް އެމީހުން މެރުމުގެ ސްޓްރެޓެޖީއަކީ ކަމުދާ ސްޓްރެޓެޖީއެއް ނޫން ކަން ސާބިތު ވެފައިވާ ކަމުގައެވެ. އަދި މަދުބައެއްގެ އަތްމަތީގައި ވެރިކަމުގެ ހުރިހާ ބާރުތަކެއް އޮތުމުގެ ނުރައްކަލާއެއްވަރަށް ވެރިކަމާހެދި ތަޅާފޮޅުމުގެ ނުރައްކާ ބޮޑުކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.
އޮބާމާގެ ވާހަކަ ފުޅުގައި، އިސްރާއީލު ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވިއެވެ. ނަމަވެސް ފަލަސްތީނުގެ ދައުލަތެއް އިޢްލާންކުރުމަކީ އިސްރާއީލަށް ނުރައްކާވާނެ ކަމެއް ކަމަށް ސިފަކުރައްވައި ފަލަސްތީނުން އިޢްލާންކުރާ މިނިވަން ދައުލަތަށް އެެމެރިކާ އިޢްތިރާފްނުވާނެ ކަމުގެ އިޝާރާތް ދެއްވިއެވެ.
އޮބާމާގެ ޚިތާބުގައި އުސާމާ ބިންލާދިން މަރާލިކަމަށް ވިދާޅުވެ އޭނާ ދައްކަވާ ވާހަކަތައް ތަކުރާރު ކުރެއްވިއެވެ. އަދި އުސާމާއަކީ ޝަހީދެއް ނޫން ކަމަށާއި އޭނާއަކީ ޓެރަރިސްޓެއް ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ޢިރާޤާއި އަފްޣާނިސްތާނުން އެމެރިކާ ފޭބުމުގެ ކަންތައް ކުރިޔަށް ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޢަރަބި ޤައުމުތަކަށް އެޤައުމުތަކުގެ ރައްޔިތުން ގެންނަމުންދާ ޑިމޮކްރަސީތަކަށް ތާއީދު ކުރައްވާ ކަމަށާއި އެކަމަށް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެ އޮބާމާ ވާހަކަ ދެއްކެވިއިރު ބަޙްރައިންގެ ރައްޔިތުން ޑިމޮކްރަސީއާ ދެކޮޅަށް ކުރިޖިހާދު، ބާރުގެ ބޭނުންކޮށްގެން ބަހްރައިންގެ ސަރުކާރުން ރޫޅާލުމުންވެސް އެމެރިކާވަނީ އެއީ އީރާންފަހަތުގައި އޮވެގެން ހިންގި ފިތުނައެއްކަމަށް ސިފަކޮށް ބަހްރައިންގެ ސަރުކާރަށް ތާއީދުކޮށްފައެވެ.
އަދި އެމެރިކާގެ ތާއީދު ލިބިފައިވާ ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ 32 އަހަރުގެ ވެރިކަމާ ދެކޮޅަށް އެޤައުމުގެ ރައްޔިތުންކުރާ މުޒާހަރާތަކަށް ފަސްމަސްދުވަސްވެ އެމުޒާހަރާތަކުގައި އެތަށް ސަތޭކަބަޔަކު މަރުވެ އަދި ޒަޚަމްވެފައިވާއިރު ސާލިޙްގެ ވެރިކަން ވެއްޓިއްޖެނަމަ ޔަމަނަށް އަލްޤާޢިދާ އަތްގަދަކުރާނެ ކަމަށްބުނެ އެމެރިކާ އަދިވެސް ގެންދަނީ ސިއްރިޔާތުގައި ސާލިޙް ދިފާޢު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން ސޫރިޔާގެ ވެރިކަމާ ދެކޮޅަށް ތެދުވާ ރައްޔިތުން މެރުމަށް އެޤައުމުގެ ސަރުކާރުން ހިންގަމުން ގެންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށްވެސް އެމެރިކާ ސީރިޔަސް ނޫން ކަމަށް ސޫެރިޔާގެ އިދިކޮޅު ފަރާތްތަކުން ދެކެއެވެ.
މީގެއިތުރުން އެމެރިކާ ގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރަށް އެހީތެރިވެ، އަދި މިނިވަންކަމަށް ޖިހާދުކުރާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން މެރުމަށް އިސްރާއީލު ހިންގާ ލާއިންސާނީ ޢަމަލުތަކަށާއި ހަނގުރާމައިގެ ޖަރީމާތަކަށް ތާއީދުކޮށް ހިއްވަރު ދެމުން ކަމަށް ފަލަސްތީނުގެ ޖަމާޢަތްތަކުން ބުނެއެވެ. -- ނޫސްއެޖެންސީތައް