PPM islaahu kurumuge massaikai fashaifin: Maumoon
PPM islaahu kurumuge massaikai fashaifin: Maumoon

Last Updated:
9 year 5 month ago

ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފިން: މައުމޫން

    ބުލޮގު ޚުލާސާ

    ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްވާ ކުއްލި ނިއުސް ކޮންފަރެންސްގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    00:49އަހްމަދު އާޒިފް

    ސަރުކާރުކާރަށް ފާޑުވިދާޅުވެ ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފައްޓަވައިފި އެވެ.

    މިރޭ ބޭއްވި ކުއްލި ނިއުސް ކޮންފަރެންސެއްގައި މައުމޫން ވިދާޅުވީ ފަހަކަށް އައިސް ޕީޕީއެމްގެ ޑިމޮކްރެޓިކް ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށާއި ޕާޓީގެ ތަސައްވަރު ވެސް ވަނީ ރައްޔިތުންގެ މެދުގައި ކިލަނބުވެފައިވާ ކަމަށެވެ.

    މިއީ ޕާޓީގެ އާންމު މެމްބަރުންނާ އަޅުގަނޑުވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. ސުވާލަކީ މިހެން ދިމާވާން ޖެހުނީ ކީއްވެތޯ؟ މިކަން ދިމާވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ޕާޓީގެ އެތެރޭގެ ޑިސިޕްލިން ގެއްލުން. ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުން ކުޑަވުން. ޕާޓީގެ އެކިއެކި ގުނަވަންތަކާއި މެމްބަރުން ޕާޓީގެ ލީޑަޝިޕްގެ ޚިޔާލާ މަޝްވަރާއާ ޚިލާފަށް ކަންތައްތައް ކުރައްވަމުން ގެންދެވުން،
    މައުމޫން އަބްދުލް ގައްޔޫމް


    މައުމޫން ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އަންގަވާ އެންގުންތަކަށް އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކިޔަމަންނުވާ ކަމަށެވެ. އަދި ޕާޓީގެ އެކިއެކި ގުނަވަންތަކާއި މެމްބަރުން ޕާޓީގެ ލީޑަޝިޕްގެ ޚިޔާލާ މަޝްވަރާއާ ޚިލާފަށް ކަންތައްތައް ކުރައްވަމުންދާއިރު އެފަދަ ފަރާތްތަކާ މެދު އިސްލާހީ ފިޔަވަޅު އެޅުމަށް ޕާޓީގެ ގުނަވަންތަން ވަނީ ނުކުޅެދިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

    މައުމޫން އެގޮތަށް ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ އުމުރު ކަނޑައެޅުމާއި ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތް ހެދުމާއި އިއުލާން ކުރުމަނާ ނުލައި ރަށްތައް ދޫކުރެވޭ ގޮތް ހެދުމަށް ހުށަހެޅި އިސްލާހުތަކަށް ވޯޓު ނުދިނުމަށް މައުމޫން އެދިވަޑައިގަތެވެ. ނަމަވެސް މައުމޫންގެ އެދިވަޑައިގަތުމަކަށް ޕީޕީއެމްގެ މެމްބަރުން އަމަލެއް ނުކުރައްވައި، އެ އިސްލާހުތައް ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.

    ޓޫރިޒަމާ ބެހޭ ގާނޫނަށް މިދިޔަ ބުރާސްފަތި މަޖިލީހުން ފާސްކުރި އިސްލާހަށް ވޯޓު ނުދެއްވުމަށް މައުމޫން އެދިވަޑައިގަތުމުން، އެ އެންގެވުމަށް އަމަލު ކުރެއްވީ އެމަނިކުފާނުގެއް ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު އެކަންނެވެ. އޭނާ ވަނ އެ އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އެ ވޯޓުގައި ބައިވެރިވެވަޑައިނުގެތް ތަޅުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

    ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް 2018 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދިނުމަށް ސޮއިކުރަމުން އަންނަ ޕެޓިޝަނަކީ ސައްޙަ އެއްޗެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް މައުމޫން މިރޭ ވިދާޅުވި އެވެ.

    މިހާރު މިއޮތީ ޕީޕީއެމްގެ ސަރުކާރަކަށްވާއިރު ޕީޕީއެމްގެ ރައީސަށާއި ކައުންސިލަށް ނޭނގި ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ބޮޑެތި ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޒިންމާދާރު ކުރުވުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ އުސޫލާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ސަރުކާރުގެ ތެރޭގައި ކަންތައްތަކެއް ވަމުން އަންނަ ކަމަށް ވެސް މައުމޫން މިރޭ ވިދާޅުވި އެވެ.

    ޕާޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޕާޓީގެ އެކިއެކި މެމްބަރުންނާއި ގުނަވަންތަކާ ވާހަކަދައްކައިގެން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި ނަމަވެސް އެކަންވީ ނާކާމިޔާބު ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.

    "މައްސަލަތައް ހައްލުނުވެ ވަގުތު ގެއްލެމުން ދާތީ އަދި ޕީޕީއެމްގެ އާންމު މެމްބަރުންގެ ހިތްހަމަނުޖެހުމާ ކަންބޮޑުވުންތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާތީ ޕީޕީއެމްގެ އިސްލާހީ ޕްރޮގްރާމެއް އަޅުގަނޑު ފަށައިފި ވާހަކަ ތިޔަ ލޮބުވެތި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން،"
    މައުމޫން

    މައުމޫންގެ އިސްލާހީ ޕްރޮގްރާމްގައި ހިމެނޭ ކަންކަން

    • ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޕާޓީގެ ހިންގުން ހަރުދަނާކުރުން.
    • އަސާސީ ގަވާއިދުގައި ބުނާ ގޮތަށް ޕާޓީގެ ނައިބު ރައީސުންނަކީ ޕަޓީގެ ރަޢީސަށް އެހީތެރިވެދޭ ބަޔަކަށް ހެދުން.
    • ޕާޓީގެ މިހާރުގެ ހާލަތު ދެނެގަނެ ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދު ހޯދައި، ޕާޓީގެ ސައްހަ ގޮފިތަކަކީ ކޮބާތޯ ދެނެގަތުން.
    • ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުން.
    • ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީ ހިންގާ ފަރާތަކީ އަދި ޕާޓީގެ ނަމުގައި ގޮފިތަކަށާއި އާންމު މެމްބަރުންނަށް އެކިއެކި އެންގުންތައް އަންގާ ފަރާތްތަކަކީ ހަމައެކަނި ޕާޓީގެ މައި އޮފީސް ކަމުގައި ހެދުން.
    • ޕާޓީ އިތުރަށް ޑިމޮކްރެޓިކްކޮށް ޕާޓީގެ ކަންކަމުގައި އާންމު މެމްބަރުންގެ ޚިޔާލާ މަޝްވަރާ މިހާރަށް ވުރެ ބޮޑަށް ހޯދުން.
    23:42

    އިސްލާހީ ޕްރޮގްރާމްގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޕާޓީ ހިންގުން ހަރުދަނާކުރުން. އަސާސީ ގަވައިދުގެ 58 ވަނަ މާއްދާގެ (ހ) ބުނަގޮތުގައި ޕާޓީގެ ނައިބު ރައީސުންނަކީ ޕަޓީގެ ރަޢީސަށް އެހީތެރިވެދޭ ބަޔަކަށް ވާންޖެހޭ. ދެވަނަ ފިޔަވަޅަކީ ޕާޓީގެ މިހާރުގެ ހާލަތު ދެނެގަތުން. ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދު ހޯދައި، ޕާޓީގެ ސައްހަ ގޮފިތަކަކީ ކޮބާތޯ ދެނެގަނެ، ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުން. ހަމައެއާ އެކު، ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީ ހިންގާ ފަރާތަކީ އަދި ޕާޓީގެ ނަމުގައި ގޮފިތަކަށާ އާންމު މެމްބަރުންނަށް އެކިއެކި އެންގުންތައް އަންގާ ފަރާތްތަކަކީ ހަމައެކަނި ޕާޓީގެ މައި އޮފީސް ކަމުގައި ހެދުން. އަނެއް ކަމަކީ ޕާޓީ އިތުރަށް ޑިމޮކްރެޓިކް ކުރުން. ޕާޓީގެ ކަންކަމުގައި އާންމު މެމްބަރުންގެ ޚިޔާލާ މަޝްވަރާ މިހާރަށް ވުރެ ބޮޑަށް ހޯދުން. މި މަސައްކަތް ކުރުމުނެ 2017 ވަނަ އަހަރުގެ ޖަނަވަރީގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށޤ ވެސް އަޅުގަނޑުމެންނަށް ރަނގަޅަށް ތައްޔާރުވެވޭނެ.

    23:33

    ޕާޓީގެ އެތެރެއިން އެކިއެކި މެމްބަރުންނާ ގުނަވަންތަކާ ވާހަކަދައްކައިގެން ކުރިން ދެންނެވި މައްސަލަތަކަށް ހައްލެއް ފެނޭތޯ އަޅުގަނޑު ވަރަށް ގިނަ ދުވަސް ވަންދެން ވަރަށް ގިނަ މަސައްކަތް ކޮށްފިން. ހިތާމައާ އެކު ދަންނަވަން ޖެހެނީ، މަސައްކަތް ކޮށްކޮށް ވެސް އެއްވެސް ކުރިއެރުމެއް ވަނީ ނުލިބިއޭ. މައްސަލަތައް ހައްލުނުވެ ވަހުތު ގެއްލެމުން ދާތީ އަދި ޕީޕީއެމްގެ އާންމު މެމްބަރުންގެ ހިތްހަމަނުޖެހުމާ ކަންބޮޑުވުންތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާތީ ޕީޕީއެމްގެ އިސްލާހީ ޕްރޮގްރާމެއް އަޅުގަނޑޫ ފަށައިފި ވާހަކަ ތިޔަ ލޮބުވެތި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން.

    23:30

    ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކައުންސިލް ކަމަށްވާ އިރު ކައުންސިލަށް ނޭނގި އަދި އަދުގެ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރަކަށް ވާއިރު، ޕީޕީއެމްގެ ރައީސަށް ނޭނގި ގާނޫނު އަސާސީއަށް ބޮޑެތި ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ވަކިވަކި ގާނޫނުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެވެމުން އެބަދޭ. ޒިންމާދާރު ކުރުވުމާއި ދެފުށް ފެންނަ ގޮތަށް ކަންރައް ކުރުމުގެ އުސޫލާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ވަމުން އެބަދޭ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ސުވާލު އުފެދޭގޮތަށް ކަންތައް ވަމުން އެބަދޭ. މި ހުރިހާ ކަމަކީ އާންމު ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް.

    23:25

    އެ ޕެޓިޝަނުގައި ސޮއިކުރެއްވި ކައުންސިލްގެ ބައެއް މެމްބަރުން އޭގައި ސޮއިކުރެއްވުމަށްފަހު، އަޅުގަނޑާ ގުޅުއްވާފައި ނުވަތަ ބައްދަލުކުރައްވާފައި، އޭގައި ސޮއިކުރެއްވީ އެނޫން ގޮތެއް ނެތިގެން ކަމުގައި ވިދާޅުވެފައިވޭ. އަދި އެކަން ހިނގައިދިޔަ ގޮތް ވެސް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވި. އެހެންކަމުން އެ ޕެޓިޝަން އަޅުގަނޑާ ހަމައަށް އައި ނަމަވެސް އެއީ ސައްހަ ޕެޓިޝަނެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރަން ދަތިވާނެ.

    23:25

    އެ ވިދާޅުވާ ޕެޓިޝަނެއް އަޅުގަނޑާ ހަމައަކަށް ނާދޭ. އެހެންކަމުން އޭގައިވާ އެއްޗަކާ ބެހޭގޮތުން އަޅުގަނޑު އެއްޗެއް ބުނާނެ ތަނެއް ނެތޭ. އެހެން ނަމަވެސް އެކަން ހިނގައިދިޔައީ އެއްގޮތަކަށް ވެސް ރަނގަޅާށް ނޫންކަމުގައި އަޅުގަނޑަށް ދަންނަވަން ޖެހޭނީ. މިހެން މިދެންނެވީ ތިޔަ ލޮބުވެތި މެމްބަރުން އަޅުގަނޑު އިންތިޚާބުކުރައްވައި، އަސާސީ ގަވައިދުގެ 52 ވަނަ މާއްދާއިން ޕާޓީގެ މަގްސަދު ހާސިލު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އަޅުގަނޑަށް މަތިކުރައްވާފައިވާ އިރު، އަދި މާތްﷲ ގެ ވާގިފުޅާ އެކު އެމަގާމުގައި އަޅުގަނޑު ދެމިހުއްޓާ، ކައުންސިލްގެ މެމްބަރުން އަޅުގަނޑަށް އެއްވެސް އިޝާރާތެއް ނުކުރައްވައި، އަޅުގަނޑަށް ސިއްރުން، އެފަދަ ކަމެއް ކުރެއްވިކަމީ ވަރަށް ހިތާމަހުރި ކަމެއް.

    23:18ރައީސް މައުމޫން

    ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ އާއި ތަސައްވުރު ވަނީ ވަރަށް ބޮޑަށް ކިލަނބުވެފައި

    23:16

    ޕާޓީ ހިންގަނީ ޕާޓީގެ އޮފީހުންތޯ ނުވަތަ އެހެން އޮފީހަކުންތޯ، މި ސުވާލު ވަރަށް ގިނަ ގޮފިތަކުންނާއި އާންމު މެމްބަރުން އަޅުގަނޑާ ކުރައްވަމުން ގެންދަވާ. ޕާޓީއަށް ސޮއިކުރައްވާ މެމްބަރުންގެ ފޯމުތައް ބަލައިގަނެ، ގޮފިތައް ހަަދައި އަދި ގޮފިތަކަށް އެންގުން އަންގަައި އެހެން އޮފީހެއް ހުރިކަމުގެ ޝަކުވާ އަޅުގަނޑާ ހަމައަށް އަންނަމުންދޭ. މިގޮތަށް ފޮނުވާ ފޯމުތަކާ ލިޔުންތައް ޕާޓީގެ އޮފީހަށް ލިބެމުން ނުދާތީ މެމްބަރުންނާ ގޮފިތައް ރަޖިސްޓްރީ ކުރެވެމުން ނުދާކަން ވެސް އަޅުގަނޑަށް ވަނީ އެނގިފައި.

    23:13

    ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބިމާ ފަޅުތައް އާންމުކޮށް އިއުލާން ނުކޮށް ކުއްޔަށް ދޫކުރުމުގެ އިސްލާހަކީ ކަނޑައެޅިގެން ޕާޓީގެ މަގްސަދުތަކާ ޚިލާފު އިސްލާހެއް. ޕާޓީގެ އަސާސީ ގަވައިދުގެ 10 ވަނަ މާއްދާގެ (މ) ގައި ވަނީ، ރާއްޖޭގެ ބިންތަކާއި ކަނޑުތަކާ އެތަންތަނާ ގުޅިފައިވާ އެންމެހައި ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ މުއްސަނދިކަން އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ލިބިދީ، ރައޔްިތުންނަށް ތނަަވަސްކަމާ ތިޔާގިކަން ގެނެސްދިނުމަކީ ޕާޓީގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް. ޕާޓީގެ އަސާސީ ގަވައިދުގައި މިކަން މިހާ ސަރީހަކޮށް އޮތުމުން މި ބިލަށް ވޯޓު ނުދެއްވުމަށް އިލްތިމާސްކޮށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެތައް މަސައްކަތެއް އަޅުގަނޑު ވާނީ ކޮށްފައި. އެހެން ނަމަވެސް ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ދިވެހި ރާއްޖެއަށާ ރައްޔިތުންނަށް ގެއްލުން ވަނިވި ގޮތަކަށް މިކަން ވަނީ ޕާލަމެންޓްރީ ގްރޫޕުގެ ބަޔަކު ކޮށްފައި. އިއްޔެ ނެގުނު ވޯޓަކީ މިގޮތަށް ކުރެވުނު އެތައް ކަމެއްގެ އެއް މިސާލު.

    23:11

    ހިތާމައާ އެކު ދަންނަވަން ޖެހޭ ހަގީގަތަކީ އަޅުގަނޑު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ލިޔުމުން ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަށް ދަންނަވާފައިވާ ގޮތާ ޚިލާފަށް އޭނާ އަމަލުކުރައްވާފައިވޭ. އަސާސީ ގަވައިދުގެ 38 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތުގައި ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތައް ވާންޖެހެނީ ޕާޓީގެ މައިގަނޑު އުސޫލުތަކާ ސިޔާސަތުތަކާ އެއްގޮތް ނިންމުންތަކަށް. އަދި ޕާޓީގެ މަގްސަދުތައް ހާސިލުކުރަން ނިންމާ ނިންމުންތަކަކަށް. މިކަން މިހާ ސާފު އިބާރާތުން އަސާސީ ގަވައިދުގައި އޮތް އިރުވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮވެމެ، ޕާޓީގެ އަސާސުތަކާ މަގްސަދުތަކާ ފުށޫއަރާ ގޮތަށް ޕީޖީ ގްރޫޕުން އަމަލު ކުރުމަށް ވިޕްލައިން ކަނޑައެޅިގެން އެބަ ދޭ. މިފަދަ ނިންމުންތަކަކީ ސައްހަ ނިންމުންތަކަކަށް ނުވާނެ. އަދި މިފަދަ ނިންމުންތަކުން ގައުމަށް ގެއްލުންވަމުްނދާކަން އަޅުގަނޑު ހިތާމައާ އެކު ފާހަގަކުރަން.

    23:10

    ޕާޓީގެ އަސާސީ ގަވައިދުގެ 14 ވަނަ މާޢްދާގައި ބުނަނީ ޕާޓީގެ ކޮންމެ މެމްބަރަކުވެސް ވާން ވާނީ ޕާޓީގެ އަސާސީ ގަވައިދަށާއި ޕާޓީގެ އުސޫލުތަކާ ފިކުރަށް އެއްބަސްވާ މީހަކަށް ކަމަށް. އެހެންކަމުން ޕާޓީގެ އަސާސީ ގަވައިދަށާއި ޕާޓީގެ އުސޫލުތަކާ ފިކުރަށް އަމަލު ނުކުރާ މީހަކަށް ޕާޓީގެ މެމްބަރަކަށް ނުވެވޭނެ.

    23:04

    2018 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯ އިއުލާން ކުރުމަށް ޕީޕީއެމްގެ އާންމު މެމްބަރުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށް މައުމޫން ވިދާޅުވެއްޖެ

    23:02

    ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްދިނުމަށް ރައީސް މައުމޫން ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފި

    23:02

    ޕީޕީއެމްގެ އިސްލާހީ ޕްރޮގްރާމެއް އަޅުގަނޑު ފަށައިފިން

    22:59

    ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަދިމާވޭ

    22:57

    ފަހަކަށް އައިސް އައިސް މި ޕާޓީގެ ޑިމޮކްރެޓިކް ހަރަކާތްތައް މިވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި. ޕާޓީގެ ތަސައްވަރު ވެސް މިވަނީ ދިވެހި ރައްޔިތުންގެ މެދުގައި ކިލަނބުވެފައި. މިއީ ޕާޓީގެ އާންމު މެމްބަރުންނާ އަޅުގަނޑުވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. ސުވާލަކީ މިހެން ދިމާވާން ޖެހުނީ ކީއްވެތޯ؟ މިކަން ދިމާވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ޕާޓީގެ އެތެރޭގެ ޑިސިޕްލިން ގެއްލުން. ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުން ކުޑަވުން. ޕާޓީގެ އެކިއެކި ގުނަވަންތަކާއި މެމްބަރުން ޕާޓީގެ ލީޑަޝިޕްގެ ޚިޔާލާ މަޝްވަރާއާ ޚިލާފަށް ކަންތައްތައް ކުރައްވަމުން ގެންދެވުން. އެފަދަ ފަރާތްތަކާ މެދު އަޅަންޖެހޭ އިސްލާހީ ފިޔަވަޅު އަޅަން ބަލާއިރު ޕާޓީގެ ގުނަވަންތައް މިވަނީ އެކަމަށް ނުކުޅެދިފައި.

    22:55

    ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޓެކްސްޓު މެސެޖުން އަންގާ އެންގުންތަކަށް އަމަލެއް ނުކުރޭ

    22:54

    އިއުލާންނުކޮށް ބިންތަކާއި ފަޅުތަކާއި ފަޅު ރަށްތައް ކުއްޔަށްދޫކުރުމަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފު ކަމެއް

    22:50

    ޕާޓީގެ ތަސައްވަރު ވަނީ ރައްޔިތުންގެ ކުރިމަތީގައި ކިލަނބުވެފައި: މައުމޫން

    22:47

    ޕީޕީއެމްގެ ރައީސް މައުމޫން ދެއްވާ ނިއުސް ކޮންފަރެންސް ފެށިއްޖެ. މި ނިއުސް ކޮންފަރެންސް ސަން ޓީވީން ވެސް ލައިވްކޮށް ދައްކާނެ