ޢާންމު ވިޔަފާރިތަކުންނާއި ޚިދުމަތުގެ އަގުން ތިން ޕަސެންޓްގެ ޓެކުހެއް އަދި ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުންނާއި ވިއްކާ ތަކެތީން ހަ ޕަސެންޓްގެ ޓެކުހެއް ނެގުމަށް ސަރުކާރުން ދަނީ ތައްޔާރު ވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން މިހާރު ވެސް އަންނަނީ 3.5 ޕަސެންޓްގެ ޓެކްހެއް ނަގަމުންނެވެ. އެ ޓެކްސް ހަ ޕަސެންޓަށް ބޮޑު ކުރުމުގެ ވާހަކަ ސަރުކާރުން މި ދައްކަނީ ޓެކްސް ތައާރަފުކުރިތާ ފަސް މަސް ވެސް ނުވަނީހެވެ.

ހަފްތާގެ ރޭޑިއޯ އެޑްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ދެ ޓެކުހުގެ އިތުރަށް އާމްދަނީން ޓެކްސް ނެގުމުގެ ބިލެއް ވެސް މިހާރު ސަރުކާރުން ވަނީ އެކުލަވާލާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"ލިބޭ އާމްދަނީއެއްގެ މައްޗަށް ބިނާވެގެން، ތާހިރު ދިރިއުޅުމެއް އުޅެވޭނެ އަދި އެމީހަކު ކުރާ މަސައްކަތަށް ޙައްޤުވާވަރަށް ވުރެ ދަށް އުޖޫރައެއްގައި އެއްވެސް މީހަކު ވަޒީފާގައި ނުގެންގުޅެވޭނެ ފަދަ، މީހަކަށް އެންމެ ދަށްވެގެން ދެވޭނެ އުޖޫރަ މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ކަނޑައަޅާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނަގަން ފެށުމުން އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ މުދަލުގެ ބާވަތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ޢާންމު ބޭނުންތަކަށް ބޭނުންކުރާ ގިނަ ބާވަތްތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ، 2012 ވަނަ އަހަރުން ފެށިގެން ކަނޑާލެވޭނެ ކަމަށެވެ.

މެދު އާމްދަނީގެ ޤައުމަކަށް ރާއްޖެ ބަދަލުވެ، އަދި މުސްތަޤުބަލުގައި ރާއްޖެއަކީ، ފުއްދުންތެރި ޤައުމަކަށްވުމަށް ޓަކައި ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތަށް ކޮންމެހެން ބޭނުންވާ ބަދަލު ގެނައުމަށް ސަރުކާރުން މިވަނީ މަސައްކަތް ފަށާފައި ކަމަށާއި އޭގެތެރޭގައި، ރުފިޔާ އާއި ޑޮލަރު އޭގެ ހަމަ އަގުގައި ވާދަކުރުމުގެ މިނިވަންކަން ވީއްލުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮންމެ އެމެރިކާ ޑޮލަރަކީ، ދިވެހި 12 ރުފިޔާ 85 ލާރި ކަމަށް ކުރިން ކަނޑައެޅިފައި އޮތް ނަޤުލީ އަގަކީ، މި ދެ ފައިސާގެ ވިޔަފާރީގެ މުޢާމަލާތުން ހޯދިފައި އޮތް ޞައްޙަ އަގެއް ނުވަތަ ރޭޓެއް ނޫން،" ރަޢީސް ވިދާޅުވި އެވެ.