ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ކިޔެވުމަށް، އެއް އަހަރު ދުވަހުގެ ތެރޭގައި ހިނގާނެ ހުރިހާ ހަރަދެއް، މޯލްޑިވިއަން އައިޑަލްގެ ދެނަވަ ހޯދި ޝަލަބީ އިބްރާހިމް ދިނުމަށް ނިންމައިފި އެވެ.

އެއީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޝަލަބީގެ ފަރާތުން ހާއްސަ އެހީއެއް ދިނުމުގެ މަގުސަދުގައި ނިންމި ނިންމުމެކެވެ.

ޝަލަބީގެ މަދަހަ އަލްބަމް "ހިދާއީ ނޫރު" ރިލީޒް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝަލަބީގެ ފަރާތުން ވަނީ ކެއާ ސޮސައިޓީ އަށް އެ އެހީ ހަވާލުކޮށްފަ އެވެ.

ޝަލަބީގެ ފަރާތުން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ކިޔެވުމުގެ ހަރަދު ހަމަޖައްސައިދީފައި ވާއިރު، އެފަދަ ކުދިންނަށް އެހީވުމުގެ ޝައުގުވެރިކަން ޝަލަބީ ވަނީ ވަރަށް ކުރިންވެސް ފާޅުކޮށްފަ އެވެ.

މޯލްޑިވިއަން އައިޑަލް ކުރިއަށް ދިޔަ އިރުވެސް، ޝޯވ އިން އެއްވަނަ ލިބިއްޖެނަމަ އޭނާ އަށް ލިބޭ ފައިސާގެ އިނާމުން ބައެއް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

"ހިދާއީ ނޫރު" އަކީ ޝަލަބީގެ އެންމެ ފުރަތަމަ އަލްބަމެވެ. އެ އަލްބަމްގައި މުޅިންވެސް ހިމެނޭނީ ޝަލަބީގެ އަމިއްލަ ރާގުތަކަށް އޭނާ ކިޔައިދީފައިވާ މަދަހަ ތަކެވެ.

އެ އަލްބަމް ވިއްކުމުގެ ބަދަލުގައި، ބަހަން ވަނީ ނިންމައިފަ އެވެ.