30 Jun 2016, 21:12
ފްރާންސްގެ ޕީއެސްޖީއާއެކު ކާމިޔާބު ސީޒަންތަކެއް ނިންމާލުމަށް ފަހު ސްވިޑެންގެ ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗު މެންޗަސްޓާ ޔުނައިޓެޑާ ގުޅެން ނިންމައިފި އެވެ.
އެކަން ހާމަކޮށް އިބްރަހިމޮވިޗު އޭނާގެ އޮފިޝަލް އިންސްޓަގްރަމް އެކައުންޓްގައި ޔުނައިޓެގް ލޯގޯއާ އެކު ޕޯސްޓް ކުރި ފޮޓޯއެއްގައި ބުނީ ކުރިއަށް އޮތް ސީޒަނުގައި އޭނާ ފެންނާނީ ޔުނައިޓެޑުން ކަމަށެވެ.
"އަހަރެން މުޅި ދުނިޔެއަށް އަންގާލަން ބޭނުން ކުރިއަށް އޮތް ސީޒަނުގައި އަހަރެން ފެންނާނީ މެންޗަސްޓާ ޔުނައިޓެޑުން ކަން،" އިބްރަހިމޮވިޗު ބުނެފައިވެއެވެ.
އިބްރަހިމޮވިޗު އެހްނެ ބުނި ނަމަވެސް ޔުނައިޓެޑާ އޭނާ ގުޅޭނެ ކަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް އިނގިރޭސި މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި އަންނަ ހަފްތާގައި އިބްރަހިމޮވިޗު ޔުނައިޓެޑްއާ ގުޅި މެޑިކަލް ފުރިހަމަ ކޮށް އެއް އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ.
ނިމިދިޔަ ސީޒަން ލީގްގެ ފަސް ވަނާގައި އޮވެ ނިންމާލި ޔުނައިޓެޑަށް ވަނީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގްއިން ވެސް ފުރުސަތު ގެއްލިފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމްގެ ކޯޗު ކަމުން ވެން ހާލް ވަކިކޮށް ހޯސޭ މޮރީނިއޯއާ ޓީމް ވަނީ ހަވާލުކޮށްފައެވެ.
މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ސްވިޑެން ކަޓާފައިވާ އިރު އިބްރަހިމޮވިޗު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ވެސް އިއުލާން ކޮށްފައެވެ. 1999 ވަނަ އަހަރު ސްވިޑެން މަލްމޯ އިން ކެރިއަރު ފެށި އިބްރަހިމޮވިޗު ވަނީ އެ ކުލަބް ނޫން ދެން އޭނާ ކުޅުނު ކޮންމެ ކަލަބަކާއި އެކު ވެސް ލީގް ކާމިޔާބް ކޮށްފައެވެ. އެއީ ނެދަލޭންޑްގެ އެޖެކްސް އާއި އިޓަލީގެ ޔުއެންޓަސް އާއި އިންޓަރ މީލްން އާއި އޭސީ މިލާނުގެ އިތުރުން ބާސެލޯނާ އެވެ. އޭނާ އެންމެ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވަނީ ޕީއެސްޖީ އާއި އެކުއެވެ.