30 Jun 2016, 20:50
ސްޕެއިން ޗެމްޕިއަން ބާސެލޯނާއާއެކު ބްރެޒިލް ތަރި ނޭމާ ހަދާފައިވާ އެއްބަސްވުން ވަރަށް އަވަހަށް އާކުރާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ނޭމާ ހަދާފައިވާ އެއްބަސްވުން އާކުރުމުގެ މަސައްކަތް ބާސާ އިން ފަށާފައިވާ އިރު، ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަދި އިނގިރޭސި ކްލަބު މެންޗެސްޓާ ޔުުނައިޓެޑުން ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރާ ކަމަށް ހަބަރުތަކުން ބުނެ އެވެ.
ބްރެޒިލްގެ ސަންތޯސް އިން 2013 ވަނަ އަހަރު ބާސާއާ ގުޅުނު ނޭމާ ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަަމަށް އެ ކްލަބުން ބުނެ އެވެ.
"އަހަރެމެންނާއެކު ހުންނަން ނޭމާ ބޭނުންވޭ. ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ އެއްބަސްވުން އާކުރާނެ. ބާސާ ދޫކޮށެއް އޭނާއެއް ނުދާނެ. ނޭމާ އިތުރު ފަސް ސީޒަނެއްގައި ކްލަބުގައި މަޑުކުރާނެ. އެހެން ކްލަބުތަކުން އޭނާ އަށް ޝައުގުވެރި ވުމަކީ އާންމު ކަމެއް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ބާސާގެ ރައީސް ޖޯސެޕް މަރިއާ ބާޓޮމެއޫ ވިދާޅުވި އެވެ.
ބާޓޮމެއޫ ވިދާޅުވީ، ބާސާ ދޫކޮށް ދާން ބޭނުންވާ ވާހަކަ ނޭމާ ބުނެފައި ނުވާ ކަމަށާއި ކްލަބުގެ ވަކީލުންނާއި ނޭމާގެ ވަކީލުން މަޝްވަރާކޮށް އެއްބަސްވުމުގެ ކަންތައް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ އެއްބަސްވުމުގައި ނޭމާ ސޮއިކޮށްފިނަމަ، އޭނާ ހޯދަން ބޭނުންވާ ކްލަބަކުން ރިލީސް ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 230 މިލިއަން ޔޫރޯ އަށް އަރާނެ އެވެ.