30 Jun 2016, 20:46
ފިތުރު ޒަކާތުގެ ގޮތުގައި މިދިއަ އަންގާރަ ދުވަހުގެ ނިޔަލަށް މާލެ ސިޓީ ސަރަހައްދުން 2.7 މިލިއަނަށް އަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
ފިތުރު ޒަކާތް ބަލައިގަންނަށް ފެށީ ޖޫން މަހުގެ ހަތް ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ، އަންގާރަ ދުވަހުގެ ނިޔަލަށް ޖުމްލަ 2،739،483 ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވާ ކަމަށެވެ. އެއީ ހަމަ އެކަނި މާލެ ސަރަހައްދުން ޒަކާތުގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އެވެ.
މާލެ ސަރަހައްދުން (މާލެ، ހުޅުމާލެ، ވިލިމާލެ) ފަގީރުންގެ ގޮތުގައި 5900 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އޭގެ އިތުރުން މިހާތަނަށް މުޅި ރާއްޖެ އިން 116314 މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ދާނީ ޖުލައި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިސްލާމިކް މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވިލިމާލެ، އައްޑޫސިޓީ ކައުންސިލު އަދި ރަށްރަށުގެ ރަށު ކައުންސިލު ތަކުންނެވެ.
ފިތުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ.
ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާ އިން ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.
އެހެންކަމުން މާލޭސިޓީގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ އާދައިގެ ހަނޑުލުން ނަމަ، މީހަކަށް 12 ރުފިޔާ، ތައިލެންޑު ހަނޑުލުން ނަމަ މީހަކަށް 65 ރުފިޔާ އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 77 ރުފިޔާ އެވެ.
ކައުންސިލްތަކުގެ އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެ ރަށަކުން ގަންނަން ލިބޭ އަގަކުން ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.