30 Jun 2016, 20:13
މުލީއާގެ ކައިރީގައި އައިއީޑީ ބޭއްވި މައްސަލާގައި އެކަކު 20 އަހަރަށް ދެން ތިބި ތިން މީހުން 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެގެން 20 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވީ ހއ. ހޯރަފުށީ އާރޯ އަހުމަދު މަމްދޫހުގެ މައްޗަށެވެ.
ދެން ތިބި ތިން މީހުން ކަމުގައިވާ މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަަރަފުށި، ވިލާ، ޒިހާން އަހުމަދު އަދި ހ.މިޓާޒް ތަލްއަތު މުހައްމަދަށް އިއްވާފައި ވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއްވެސް އަދި މިއަދު ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުން ވެސް ބާއްވާފައި ވަނީ ސިއްރުކޮށްގެނެވެ. އެހެންވުމުގެ ސަބަބުން އެ މައްސަލައިގެ ތަފްސީލު ނުލިބެ އެވެ.
އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ކުރިން ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ފެނުނު އެ އައިއީޑީ ބާއްވާފައި ވަނީ މުލިއާގެ ކައިރީ އޮތް ޕިކަޕެއްގެ ފިއުލް ޓޭންކް މަތީގައި ކަމަށެވެ. އެ އައިއީޑީ މާފަންނު ސްޓޭޑިއަމް ސަރަހަށްދަށް ގެންގޮސް ނުގޮވާގޮތަށް ވަނީ ހަދާފަ އެވެ.
އިހުސާން ވިދާޅުވީ އެ އައިއީޑީ ގޮއްވާލައިފިނަމަ 60 ވަރަކަށް ފޫޓަށް އޭގެ އަސަރު ފޯރާނެ ކަމަށާއި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ގެތަކަށް ގެއްލުންވެ އެތައް ބަޔަކު ޒަޚަމްވާނެ ކަމަށެވެ.