ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގައި މަޝްވަރާކޮށްފި އެވެ.

ޕީޕީއެމް ޕާލެމެންޓްރީ ގްރޫޕުން އެ މަޝްވަރާތައް ކުރީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހަވީރުން ފެށިގެން ކުރިއަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން މަޝްވަރާ ކުރީ 65 އަހަރުން މަތީގެ މީހުންނަށް ސިޔާސީ ޕާޓީތަކުގެ ރައީސްކަން ނުކުރެވޭ ގޮތަށެވެ. ރައީސް މައުމޫންގެ އުމުރުފުޅުން މިހާރު 78 އަހަރެވެ. އެ އިސްލާހު މަޖިލީހުން ފާސްކޮށް، ތަސްދީގުކޮށްފިނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް އެޕާޓީގެ ލީޑަރުކަން ގެއްލޭނެ އެވެ. ގާސިމްގެ އުމުރުފުޅުން މިހާރު 65 އަހަރު ވެއްޖެ އެވެ.

  • މަގުސަދަނީ 65 އަހަރުން މަތީގެ މީހުންނަށް ޕާޓީގެ ރައީސްކަން ނުކުރެވޭ ގޮތް ހެދުން

  • އެ އިސްލާހާއެކު ޖޭޕީގެ ލީޑަރުކަން ގާސިމަށް ވެސް ގެއްލޭނެ
  • ޕާޓީ "ހުއްޓުވާފައިވާ" މައްސަލަ ކުށްވެރިކޮށް ޕީޖީ ގްރޫޕުގެ ސިޓީއެއް މައުމޫނަށް
  • ކުރިއަށް އޮތް ތިން ދުވަސް ތެރޭ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މައުމޫނަށް ދެންނެވުން
  • ވިޕްލައިނާ ހިލާފުވުމުން ފާރިސަށް ފިޔަވަޅު އެޅުމަށް ޕީޖީ ގްރޫޕުގެ ސިޓީއެއް މައުމޫނަށް

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅަކު މިރޭ ސަން އަށް ވިދާޅުވީ މައުމޫން މިހާރު ކުރައްވަމުން އެގެންދަވާ ކަންތައް ހުއްޓާނުލައިފިނަމަ އެ ބިލް މަޖިލީހަށް ވައްދާނެ ކަމަށެވެ.

"65 އަހަރުން މަތީގެ ބޭފުޅުންނަށް ސިޔާސީ ޕާޓީތަކުގެ ރައީސްކަން ނުކުރެވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން މިއަދު ފާހެއް ނުކުރޭ. ނަމަވެސް މައުމޫން މިހާރު ކުރައްވަމުން އެގެންދަވާ ކަންތައް ހުއްޓަވާނުލައްވައިފިނަމަ އެ ބިލް އަޅުގަނޑުމެން ވައްދާނަން. މިއީ ހަމަ ޔަގީން ކަމެއް،" ސަންއާ މައުލޫމާތު ހިއްސާކުރެއްވި ޕީޕީއެމް ޕީޖީ ގްރޫޕްގެ އިސް ބޭފުޅާ ވިދާޅުވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން މިރޭ ނިންމާފައި ވަނީ ޕާޓީގެ ވިޕްނައިނާ ހިލާފަށް ވޯޓު ދެއްވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާ މެދު ފިޔަވަޅު އެޅުމަށް ޕާޓީގެ ރައީސް މައުމޫނަށް، ސިޓީއަކުން ދެންނެވުމަށެވެ. ޕާޓީގެ ވިޕްނައިނާ ހިލާފުވި މައްސަލާގައި ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)އާމެދު ވެސް ފިޔަވަޅު އެޅުމަށް ޕާޓީގެ ސުލޫކީ ކޮމެޓީއަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން ރޭ ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް ޕާޓީގެ އެއްވެސް ކޮމެޓީއެއް މައުމޫންގެ ހުއްދަ ނެތި ނުހިނގޭނެ ގޮތަށް އެމަނިކުފާނު ވަނީ ޕާޓީގެ އެތެރޭގެ ހިންގުން ބަދަލުކޮށްފަ އެވެ. އަދި މުޅި ޕާޓީގެ ބާރުތައް ސީދާ އެ މަނިކުފާނުގެ އަތްޕުޅަށް ވަނީ ނަންގަވާފަ އެވެ. އެގޮތުން ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބާރުތައް ވެސް ވަނީ ނަންގަވާފަ އެވެ.

ޕީޕީއެމްގެ 34 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްގެ މެޖޯރިޓީ ކޮންޓްރޯލް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ. އަދި ޕާޓީގެ ގިނަ ކޮމެޓީތަކުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ޔާމީނަށެވެ.

ޕާޓީގެ ހުރިހާ ބާރެއް ރައީސް މައުމޫންގެ ނެންގެވުމަށްފަހު އެމަނިކުފާނު ވަނީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށް، އެމަނިކުފާނު އިތުބާރު ކުރައްވާ ހަތް މެމްބަރުންގެ ކޮމެޓީއެއް އުފައްދާފަ އެވެ. ނަމަވެސް އެ ކޮމެޓީއަށް ދީފައިވާ ބާރުތަކެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އިތުރަށް ނިންމާފައި ވަނީ ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭވުމަށާއި ޕާޓީގެ ހިންގުން ހުއްޓުވާފައި ވާތީ އެކަން ކުށްވެރިކޮށް މައުމޫނަށް ސިޓީއެއް ހުށަހެޅުއްވުމަށެވެ.