ފާއިތުވި ދެ އަހަރެއްހާ ދުވަހު، ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީއާ ގާތްގުޅުމެއް ބޭއްވި އަދި އެންމެ އެކުގައި މަސައްކަތްކުރި ކުޅުންތެރީންގެ ތެރޭގައި ބާސާގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ހިމެނޭނެއެވެ. އެގޮތުން މެސީ ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުން، ސުއަރޭޒް ބުނެފައި ވަނީ، އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓައިލަން މެސީ ނިންމި ނިންމުމަކީ ޖަޒުބާތުގައި ޖެހިގެން ހުރެ ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުން އަނބުރާ ގެންނާނޭ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ނިއު ޖާޒީގެ ރަދަފޯޑްގެ މެޓްލައިފް ސްޓޭޑިއަމްގައި މިމަހުގެ 27 ވަނަ ދުވަހު ކުޅުނު ކޮޕަ އެމެރިކާ ފައިނަލްގައި ޗިލީއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުން އާޖެންޓީނާ ބަލިވި މެޗުގައި މެސީ ޖެހި ޕެނަލްޓީ ނާކާމިޔާބުވެފައި ވާއިރު، އެ މެޗަށް ފަހު މެސީ ވަނީ ދެން ގައުމީ ޓީމަށް އޭނާ ނުކުޅޭނެކަމަށް ބުނެފައެވެ.

ބޮޑު މުބާރާތެއްގެ ތަށީގައި ބީހިލުމުގެ ފުރުސަތު އާޖެންޓީނާއަށް ނުލިބޭތާ މިހާރު ވަނީ 23 އަހަރު ވެފައެވެ. މިހާރު އުމުރުން 29 އަހަރުގެ މެސީއަށް ވަނީ މިހާތަނަށް އެފަދަ ހަތަރު ފުރުސަތެއް ލިބި ނާކާމިޔާބުވެފައެވެ. އޭގެ ތެރޭގައި މިފަހަރުގެ ކޮޕަ އެމެރިކާ އާއި އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލް ހިމެނެއެވެ.

ހާލަތު މެސީގެ އަތުގައި ނުހިފި ނަމަވެސް، ބާސެލޯބާގައި މެސީއާއެކު މިދިޔަ ސީޒަންގައި ޑަބަލް އަދި އޭގެ ކުރީ ސީޒަންގައި ތިން މުބާރާތް ކާމިޔާބުކުރި ސުއަރޭޒް ބުނީ، އަދި މެސީ އޭނާގެ ގައުމީ ޓީމަށް ކުޅޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

"މެސީ ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ، އޭނާ އެގޮތަށް ބުނީ ހިތްދަތި ދަނޑިވަޅެއްގައި، ގޮތްހުސްވެފައި ހުރެކަމަށް،" ރޭޑިއޯ ޓެންފައިޑްއަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް ބުނީ، މެސީ އެފަދަ ނިންމުމެއް ހަމަ ހަގީގަތުގައި ވެސް ނިންމުން ވެގެން ދާނީ، ފުޓްބޯޅައަށް ކުރިމަތިވާނޭ ބޮޑު ލަދުވެތިކަމެއް ކަމަށެވެ. އަދި އެ ނިންމުން މެސީ ބަދަލު ކުރާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ސުއަރޭޒް ބުންޏެވެ.

"މިއީ އުނދަގޫ ދަނޑިވަޅެއް. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ގޮތެއް ނިންމުމުގެ ހައްގު އޮންނާނެ، އަދި އެކަމަށް ޒިންމާވާން ޖެހޭނެ،" ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް ބުނީ، މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށާއި، އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓައިލާންޖެހޭ ވަގުތު އަދި ނުޖެހޭ ކަމަށެވެ.