30 Jun 2016, 14:59
ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޕީޕީއެމްއަށް ނިސްބަތްވާ ބައެއް އިސް އެހެން މެމްބަރުންނާއެކު ކުއްލި ބައްދަލުވުމެއް ފަށައިފިއެވެ.
ޕީޕީއެމް އޮފިޝަލަކު ސަން އަށް ވިދާޅުވީ މިހާރު ކުރިއަށްދާ އެބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އިތުރުން ކުރީގެ ވަޒީރު އަނީސާ އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އެބައިންނެވިއެވެ. ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ކަމުން އިއްޔެ ވަކިކުރެއްވި އާމިނަތު ނާދިރާ އާއި ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވެސް ހިމެނި ވަޑައިގަންނަވައެވެ.
އެބައްދަލުވުން ބާއްވާ ސަބަބެއް އަދި ސާފްވާގޮތެއްނުވެއެވެ.
ރައީސް މައުމޫން ބައެއް ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރައްވަމުންގެންދަވާއިރު ރައީސް އަބްދުﷲ ޔާމީންވެސް މިއަދު ވަނީ ޕީޕީއެމްގެ ބައެއް ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ.
އެ ޕާޓީ ހިންގުމަށް ވަނީ ރޭގެ ވަގުތެއްގައި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެ ޕާޓީގެ ހިންގުމުގެ ކަންކަން އެޕާޓީގެ ނައިބް ރައީސް އަބްދުލް ރަހީމް އަތުން ނަންގަވައި ސީދާ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާގޮތަށް ވަނީ ނިންމަވައިފަ އެވެ.
ރައީސް މައުމޫން އެފިޔަވަޅު އަޅުއްވާފައި ވަނީ އެމަނިކުފާނުގެ އެންގެވުމާ ހިލާފަށް އިއުލާން ނުކޮށް، ރިސޯޓް ހަދާނެ ރަށްތަކާއި ފަޅުތައް ބީލަމަށް ނުލައި ކުއްޔަށް ދެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނައުމަށް ފާސްކުރުމުންނެވެ.