ފިލިޕީންސްގެ އާ ރައީސް ރޮޑްރީގޯ ޑުޓާޓް، އެގައުމުގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި އެވެ.

ރޮގްރިގޯ ޑުޓާޓްއަކީ ފިލިޕީންސްގެ ޑަވައޯ ސިޓީގެ މޭޔަރުގެ މަގާމު 22 އަހަރު ދުވަސް ވަންދެން ފުރުއްވި ބޭފުޅެކެވެ. އޭނާއަކީ ނުރައްކާތެރި ކުށްވެރިން މެރުމަށާއި އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް ވަރަށް ފާޅުކަން މަތީގައި ގޮވާލާ ބޭފުޅެކެވެ.

ފިލިޕީން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެގައުމުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައި، ރޮޑްރިގޯ ޑުޓާޓް އެމަގާމު ކާމިޔާބު ކުރެއްވީ، ރިޔާސީ އިންތިޚާބުގައި އިތުރު ހަތަރު ކެންޑިޑޭޓުންނާ ވާދަކުރައްވައި، ޖުމްލަ ވޯޓުގެ 39 ޕަަސަންޓު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ ގާތްގަނޑަކަށް 16 މިލިޔަން ވޯޓެވެ.

ރޮޑްރިގޯއާ އެންމެ ގާތުން ވާދަކުރެއްވި ލިބަރަލް ޕާޓީގެ ކެންޑިޑޭޓު މާރް ރޮކްސަސްއަށް ލިބުނީ 9.9 މިލިޔަން ވޯޓާ އެކު 23.5 ޕަސަންޓެވެ.

ފިލިޕީންސްގައި ނައިބު ރައީސްގެ މަގާމަކީ، ރިޔާސީ ކެންޑިޑޭޓުންގެ ރަނިން މޭޓުންގެ މެދުގައި ވަކިން ބާއްވާ އިންތިޚާބަކުން އިންތިޚާބުކުރާ މަގާމެކެވެ.

އެގައުމުގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވީ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވި ލިބަރަލް ޕާޓީގެ ކެންޑިޑޭޓުގެ ރަނިން މޭޓު ލެނީ ރޮބްރެޑޯ އެވެ. އޭނާއަށް 14.4 މިލިޔަން ވޯޓާ އެކު ޖުމްލަ ވޯޓުގެ 35.1 ޕަސަންޓު ލިބުނެވެ.

ދެ ބޭފުޅުން ވެސް މިއަދު ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ރައީސްއަށާއި ނައިބު ރައީސަށް ވެސް ބޭއްވީ ވަކިންނެވެ.

ހުވާ ކުރެއްވުމަށް ފަހު، ފިލިޕީންސްގެ އާ ރައީސް 71 އަހަރުގެ ރޮޑްރިގޯ ޑުޓާޓް ވިދާޅުވީ ރައީސްކަން ލިބިވަޑައިގަތުމުން އޭނާއަށް ލިބޭ ގާނޫނީ ބާރުތައް އެނގިވަޑައިގަންނަވާ ކަމަށާއި އެ ބާރުތަކުގެ އިމުން އޭނާ ބޭރުވެވަޑައި ނުގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޑުޓާޓް ވިދާޅުވީ ފިލިޕީންސްއިން ޖިނާއީ ކުށްތައް ނައްތާލުމުގައި އޭނާގެ ޚިޔާލާ ދެކޮޅު ގިނަ ބަޔަކު ތިބޭކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ގާނޫނާ ޚިލާފު ކަންކަމާއި ގާނޫނާ އެއްގޮތަށް ކުރެވޭ ކަންކަން ވަކިކުރަން. އަޅުގަނޑު ޖިނާއީ ކުށްތައް ނައްތާލަން ޚިޔާލުކުރާ ގޮތާ ބައެއް ފަރާތްތަކުން ދެބަސް ވެސް ވެދާނެ. އެކަމަކު އަޅުގަނޑު ކަންކަން ކުރާނީ ގާނޫނާ އެއްގޮތަށް. ގާނޫނީ ބާރު ނަގަހައްޓައިގެން. ރައްޔިތުން އަޅުގަނޑުގެ މަސައްކަތާ ބެހިވަޑައިނުގެން، އަމިއްލަ މަސައްކަތައިގެން ކުރިޔަށްދޭ. އަޅުގަނޑު އަޅުގަނޑުގެ މަސައްކަތް ކުރާނަން،" ރައީސް ޑުޓާޓް ވިދާޅުވި އެވެ.