ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެޕާޓީ ނުހުއްޓުވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް ބައެއް ކައުންސިލް މެމްބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުން ނިންމުމަށްފަހު ރައީސް އޮފީހުން ނުކުމެވަޑައިގަތުމާއެކު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބް ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ކައުންސިލްއަކީ އެންމެ ބާރުގަދަ ގުނަވަނަށްވާއިރު ރައީސް މައުމޫންއަށް އެގޮތަށް ޕާޓީ ނުހުއްޓުވޭނެ ކަމަށެވެ.

"އެންމެ މީހަކަށް މުޅި ޕާޓީ ހައިޖެކް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ރައީސް މައުމޫންއަށްވެސް އެކަމެއް ނުކުރެއްވޭނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުވާލާފައި ބޭއްވުމަށް ޖާގައެއް ނުދެވޭނެ ކަމަށާއި ހާލަތުން އަރައިގަނެވޭނެ މަގެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ކުރާނީ ސުލްހަވެރިކަމާއެކު ކަމަށެވެ.

މިއަދު ބޭއްވި ބައްދަލުކުރެއްވުމަކީ ރައީސް ޔާމީންއާއި ދޭތެރޭ ކުރެވުނު މަޝްވަރާއަކަށްވުމުން ތަފްސީލެއް ނުދެއްވައެވެ.

މީގެ ކުރިން ޕީޕީއެމް ހިންގެވުމުގެ ހުރިހާ ކަމެއް އަބްދުއްރަހީމް ކުރެއްވިއިރު ރައީސް މައުމޫން ވަނީ އެބާރުތައް ރޭގައި އޭނާގެ އަތުން ނަންގަވައި ސީދާ ރައީސް މައުމޫންގެ ބެލުމުގެ ދަށުން އެކަން ކުރަން ނިންމާފައެވެ.

ރައީސް މައުމޫން އެފިޔަވަޅު އަޅުއްވާފައި ވަނީ އެމަނިކުފާނުގެ އެންގެވުމާ ހިލާފަށް، އިއުލާން ނުކޮށް ރިސޯޓް ހަދާނެ ރަށްތަކާއި ފަޅުތައް ބީލަމަށް ނުލައި ކުއްޔަށް ދެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނައުމަށް ފާސްކުރުމުންނެވެ.