30 Jun 2016, 14:15
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލާގައި ފުލުހުން ތައްޔާރުކޮށްފައިވާ ފޮރެންސިކް ރިޕޯޓަށް ރިއާޔަތްކޮށް މައްސަލަ މުރާޖާކޮށްދިނުމަށް ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
މައްސަލަ މުރާޖާކޮށްދޭން ނާޒިމް އެދިވަޑައިގެންފައިމިވަނީ އޭނާ 11 އަހަރަށް ޖަލަށްލާން އިއްވި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށެވެ.
ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކަނޑައަޅައި އެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށް ފުލުހުން ބުނެފައި ވަނީ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.
ފުލުހުން އެގޮތަށް ބުނެފައިވާއިރު، ކްރިމިނަލް ކޯޓުގައި ވެސް ނާޒިމްގެ ގާނޫނީ ވަކީލުން ވަނީ އެ ފިސްތޯލައިގެ ފޮރެންސިކް ރިޕޯޓެއް ހާދަފައިނުވާތީ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެފަ އެވެ.
ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ގާނޫނީ ވަކީލު ސުއޫދު ވިދާޅުވެފައި ވަނީ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓަށް ފިސްތޯލަ ވެއްދީ އާސިފް ނަކަމަށް ކިޔާ ފުލުހެއް ކަމަށެވެ. އަދި އޭނާ އެ ފިސްތޯލަ އެގެއަށް ވެއްދީ ކުރީގެ ނައިބު ރައީސް އަދީބާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެގެން ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.