30 Jun 2016, 15:16
ލަންޑަން (ޖޫން 30) : ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސި ރައްޔިތުން ނިންމާފައިވާ މައްސަލައާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ނިންމަވާފައިވާތީ އިނގިރޭސި ބޮޑުވަޒީރުކަމަށް އަލަށް އައްޔަން ކުރާނެ ބޭފުޅެއްގެ ކަނޑައެޅުމުގެ ރޭސް އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ ތެރޭގައި ފެށިއްޖެ އެވެ.
ކޮންޒަވެޓިވް ޕާޓީގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ އިނގިރޭސި ބޮޑުވަޒީރުކަމަށް އަލަށް އައްޔަން ކުރާނެ ބޭފުޅަކު ހަމަޖެއްސުމަށް ޓަކައި އެމަގާމު ބޭނުންވާކަން ޕާޓީއަށް ރަސްމީކޮށް ހުށަހެޅުމުގެ ފުރްސަތު ޕާޓީގެ ތެރެއިން ހުޅުވާލާފައިވާ ކަމުގަ އެވެ. މިކަން މިއަދުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށާ ނަމަވެސް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ބޮޑުވަޒީރުކަމަށް ހަމަޖައްސާ ބޭފުޅެއްގެ ނަން އިޢްލާންކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކަމަށް ނަން ހާމަކުރަންނޭދޭ މިމަސްއޫލުވެރިޔާ ވިދާޅުވި އެވެ.
ޚަބަރުތައް ބުނާ ގޮތުން ބޮޑުވަޒީރުކަމަށް އެދި މިހާތަނަށް ކޮންޒަވެޓިވް ޕާޓީއަށް ނަން ހުށަހަޅުއްވާފައި ވަނީ ޑޭވިޑް ކެމެރޮންގެ ސަރުކާރުގެ ލޭބާ މިނިސްޓަރު ސްޓެފަން ކްރަބް އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ލިޔަމް ފޮކްސް ވަނީ ބޮޑުވަޒީރުކަމުގެ މަގާމު ބޭނުންވާކަން ރޭ އިޢްލާން ކުރައްވާފަ އެވެ. ފޮކްސް ވިދާޅުވީ ހަފްތާ ބަންދުގެ ތެރޭގައި އެކަމުގެ ކޭންޕޭން ޕާޓީގެ ފެންވަރުގައި ފައްޓަވާނެ ކަމުގަ އެވެ.

ސްޓެފަން ކްރަބް
ރިޕޯޓްތައް ބުނާގޮތުން ކޮންޒަވެޓިވް ޕާޓީގެ ތެރޭގައި އެންމެ ބާރާއި ނުފޫޒު ގަދަ ބޭފުޅަކީ ދާޚިލީ ވަޒީރާ ޓެރޭޒާ މޭ އެވެ. ނަމަވެސް މޭ ގެންދަވަނީ މިމައްސަލާގައި އަދި ހަނު ހުންނަވަމުންނެވެ. ޓެރޭޒާ ބޮޑުވަޒީރުކަމަށް އެދި ވަޑައިގެން މިހާތަނަށް ކޮންޒަވެޓިވް ޕާޓީއަށް އެކަމާނާގެ ނަން ހުށަހަޅުއްވާފައެއް ނުވެ އެވެ.
އަނެއްކޮޅުން ޔޫރަޕްގެ އިއްތިޙާދުގެ މައްސަލާގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި އިނގިރޭސިވިލާތް އެއިއްތިޙާދުން ބޭރުވުމަށް ކޭންޕޭންކުރި ފަޅިއަށް ކޮންޒަވެޓިވް ޕާޓީގެ ތެރޭން ތާއީދުކުރެއްވި ބޮރިސް ޖޯންސަން އަކީ ވެސް އިނގިރޭސި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރްސަތު ބޮޑު ބޭފުޅެއްކަމަށްވެ އެވެ.
ޖޯންސަންއަށް ފުރްސަތު ބޮޑުކަމަށް ބެލެވިފައި ވަނީ ފެންނަ ނުފެން ވޯޓު ކާމިޔާބު ކުރީ ޖޯންސަން ތާއީދުކުރެއްވި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ބޭރުވުމަށް ކޭންޕޭންކުރި ފަޅި ކަމަށްވާތީ އެވެ. ނަމަވެސް ޖޯންސަން ވެސް އަދި ހުންނެވީ ހިމޭނުންނެވެ.

ބޮރިސް ޖޯންސަން
އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ އޭނާ ތާއީދުކުރެއްވި އަދި ލީޑް ވެސް ކުރެއްވި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުގައި ދެމިއޮތުމުގެ ފަޅި، ފެންނަ ނުފެންނަ ވޯޓުގައި ނާކާމިޔާބުވުމާ ގުޅިގެންނެވެ. ފެންނަ ނުފެންނަ ވޯޓާއެކު ކެމެރޮންގެ ސިޔާސީ މުސްތަގްބަލްވެސް ވަނީ ގެއްލިފަ އެވެ. ނަމަވެސް މަގާމުން ވަކިވެވަޑައިގަތުމަށް ކެމެރޮން ނިންމަވާފައި ވަނީ އަންނަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ޖޯންސަންއާއި ޓެރޭޒާ ވެސް ވަނީ މުއްދަތު ހަމަވުމުގެ ކުރިން ބޮޑުވަޒީރުކަމުގެ ރޭހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިންމަވާފަ އެވެ. ނަމަވެސް މިދެބޭފުޅުން އެކަން އިޢްލާން ކުރެއްވުމަށް ފަސްޖެހިވަޑައިގަންނަވަނީ އެވެ. (ނޫސްއެޖެންސީތައް)