ރިއޯ(ޖޫން 30): ބްރެޒިލްގެ ރިއޯޑިޖެނީރޯގައި މިއަހަރު ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކްސް ބަލާލުމަށް ފަތުރުވެރިން ވަނީ އެގައުމަށް ދާން ފަށާފަ އެވެ. ނަމަވެސް ބްރެޒިލްގެ ފުލުހުން އެފަތުރުވެރިންނަށް ކިޔަނީ އާދަޔާ ހިލާފު މަރުހަބާއެކެވެ.

އެއާޕޯޓުގައި ފުލުހުންނާއި އެހެނިހެން އެމާޖެންސީ ހިދުމަތް ދޭ ފަރާތްތަކުން ހިފަހައްޓައިގެން ތިބޭ ބެނާގައި ލިޔެފައިވަނީ "ނަރަކައަށް މަރުހަބާ، ފުލުހުންނާއި ފަޔާފައިޓަރުންނަށް މުސާރަ ނުލިބޭ، ރިއޯ ޑި ޖެނީރޯއަށް އަންނަ މީހަކަށް ރައްކާތެރިކަމެއް ނެތް" ކަމަށެވެ.

މީގެ އިތުރުން، އެއާޕޯޓުން ނިކުތުމަށްފަހު ހުރަސް ކުރާ އޯވަޕާސްއެއްގައި ވަނީ "މަރުހަބާ، އަޅުގަނޑުމެންގެ ހޮސްޕިޓަލެއް ނެތް" ކަމަށް ލިޔެފަ އެވެ.

ބްރެޒިލްގެ އެއާޕޯޓުން ނިކުތުމަށް ފަހު ހުރަސް ކުރާ އޯވާޕާސްއެއްގައި "މަރުހަބާ، އަޅުގަނޑުމެންގެ ހޮސްޕިޓަލެއް ނެތް" ކަމަށް ލިޔެފައި -- ފޮޓޯ: ޓްވިޓާ

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އެފަދަ މަންޒަރު ފެންނަ ފޮޓޯތަކުގެ ސަބަބުންނާއި ބްރެޒިލްގައި ފެތުރެމުންދާ ޒިކާ ވައިރަހުގެ ސަބަބުން އޮލިމްޕިކްސް އަށް އެގައުމު ތައްޔާރުވެފައިވާ މިންވަރާ މެދު ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ.

މިހަފްތާ ތެރޭގައި ބްރެޒިލްގެ 300 ވަރަކަށް ފުލުހުން ވަނީ މުސާރާ ނުލިބުމުގެ ސަބަބުންނާއި މަސައްކަތް ކުރާ މާހައުލުގެ ފެންވަރު ދަށް ވުމުގެ ސަބަބުން ރިއޯގައި މުޒާހަރާއެއް ބާއްވާފަ އެވެ.

"ޕޮލިސް ސްޓޭޝަންތަކުގެ ޕްރިންޓަރަށް އަޅުގަނޑުމެންނަށް ދެއްޔާއި ގަނޑެއް ނުލިބޭ، ސްޓޭޝަން ސާފު ކުރާނެ މީހަކު ނާދޭ އަދި ބައެއް ސްޓޭޝަންތަކަށް ސަޕްލައި ފެން ނުލިބޭތީ ފާހާނަތައް ބޭނުން ނުކުރެވޭ،" މުޒާހަރާގައި ބައިވެރިވި ފުލުހަކު ވިދާޅުވި އެވެ.

އަދި އޮލިމްޕިކްސް އަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން ބްރެޒިލްއަށް ދާނެ ކަމަށް ލަފާ ކުރެވޭ އިރު ފުލުހުންނަށް ބޭނުންވާ ސަލާމަތީ އާލާތްތައް ނުލިބުމަކީ ނުރައްކާތެރި ކަމެއް ކަމަށްވެސް ފުލުހުން ފާހަގަ ކޮށްފައިވެ އެވެ.

މާލީ ދަތިތަކުގެ ސަބަބުން ރިއޯ އިން މިމަސް ތެރޭގައި އިގުތިސާދީ ގޮތުން ކުއްލި ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް އޮލިމްޕިކްސް ލަސް ނުކުރާނެ ކަމަށް ރިއޯގެ މޭޔަރު އެޑުއާޑޯ ޕައެސް ވަނީ ވިދާޅުވެފަ އެވެ. (އިންޑިޕެންޑެންޓް)