ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ހަންގޭރީ އަތުން 0-4ގެ ނަތީޖާ އަކުން މޮޅުވި މެޗުގައި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް އަނިޔާވެގެން ބަދަލުކޮށްފައިވާ އިރު ކުއާޓާ ފައިނަލްގައި މާދަމާ ރޭ ވޭލްސް އާ ދެކޮޅަށް އޭނާއަށް ކުޅެވޭނެ ކަމާއި މެދު ޝައްކު އުފެދިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލެއް ކާމިޔާބް ކޮށް އޭގެ މިނެޓެއް ފަހުން 81 ވަނަ މިނެޓްގައި ހަޒާޑް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ބުނީ ހަޒާޑް ބަދަލު ކުރީ ފައިގެ ކުޑަ ކަޅުވާއަށް ތަދުވާތީ ކަމަށާއި އޭނާގެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށެވެ.

ނަމަވެސް އެ މެޗަށް ބެލްޖަމް އިން ބޭއްވި ދެ ޓްރެއިނިންގައި ވެސް ހަޒާޑް ބައިވެރިވެފައިނުވާ އިރު ވިލްމޮޓްސް ބުނީ، މިއަދުގެ ޓްރެއިނިން ތަކުގައި ހަޒާޑް އަށް ބައިވެރިވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އަދިވެސް ހަޒާޑް އުޅެނީ ކުޑަ ކަޅުވާ އަށް ކުޑަކޮށް ތަދުވާތީވެ. އެކަމަށް އޭނާ ދަނީ ފަރުވާ ވެސް ހޯދަމުން. ނަމަވެސް ޓެސްޓް ތަކުން ވެސް އޭނާގެ އަނިޔާ ސީރިއަސް ކަމަކަށް ނުދައްކާ،" ވިލްމޮޓްސް ބުންޏެވެ.

އޭނާ ބުނީ ހަޒާޑް ކުޅުމުގެ ތެރެއަށް ނެރޭނީ 100 ޕަސެންޓް ފިޓް ވުމުން ކަމަށާއި ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓް ނުވެއްޖެ ނަމަ ޓީމަށް ވަރަށް ބޮޑު އުނި ކަމެއް އަންނާނެ ކަމަށެވެ.