ކުއާލަލަންޕޫރު: މެލޭޝިޔާގެ ޒަމާނީ ތަރައްޤީގެ ބާނީ އަދި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދަށް ކުރިމަތިވެ ވަޑައިގެންނެވި ކުއްލި އާލާސްކަންފުޅަކާ ގުޅިގެން އެޤައުމުގެ ހޮސްޕިޓަލެއްގައި އިއްޔެ އޭނާ އެނދުމަތި ކޮށްފި އެވެ.

ޢުމުރުފުޅުން 86 އަހަރުގެ މަހާތީރަށް ކުރިމަތިވި އާލާސްކަންފުޅަކީ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދުން ކަމަށް މެލޭޝިޔާގެ މިޑިޔާ ޚަބަރުދެއެވެ. މަހާތީރުގެ ތަރްޖަމާނެއް ކަމަށްވާ ސޫފީ ޔޫސުފް އާ ޙަވާލާދީ އެޤައުމުގެ މީޑިޔާ ޚަބަރުދޭގޮތުގައި މަހާތީރުގެ ހާލުކޮޅު ރަނގަޅެވެ. ނަމަވެސް އިންފެކްޝަން ފިލުވާލުމަށް މުއްދަތެއް ބޭނުންވާތީ, ހަފްތާއެއްހާ ދުވަހު ހޮސްޕިޓަލުގައި މަހާތީރު އަރާމު ކުރެއްވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަހާތީރަކީ ދެހަރެއްގެމަތިން ހިއްޕުޅުގެ އާލާސްކަންފުޅެއް ކުރިމަތިވެވަޑައިގެންފައިވާ، އަދި ހިތުގެ ބައިޕާސް އޮޕަރޭޝަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ. މިފަހަރު ކުރިމަތިވި ފުއްޕާމޭގެ އިންފެކްޝަނާގުޅިގެން ވެސް މަހާތީރު އެނދުމަތި ކުރެވުނީ ކުއާލަލަންޕޫރުގެ ހިތުގެ ހޮސްޕިޓަލެއްގަ އެވެ.

މަހާތީރަކީ މެލޭޝިޔާ ޙާސިލްކޮށްފައިވާ ޒަމާނީ ތަރައްޤީގެ ބައްޕަގެ އިތުރުން އެޤައުމުގެ އިޤްތިސާދީ ތަރައްޤީގެ މޭސްތިރިޔާވެސް މެއެވެ. 22 އަހަރުގެ ކާމިޔާބު ވެރިކަމަކަށްފަހު މަހާތީރު އަމިއްލަފުޅަށް ވެރިކަމާ ދުރުވެ ވަޑައިގެންނެވީ 2003 ވަނަ އަހަރުގަ އެވެ.

ވެރިކަމުން ފާބައިވަޑައިގެންނެވި ނަމަވެސް މެލޭޝިޔާގެ އެންމެ ގިނަބަޔަކު އިޙްތިރާމްކުރާ އަދި އެޤައުމުގެ ގިނަބައެއްގެ ތާއީދުއޮތް ހަމައެކަނިލީޑަރަކީ އަދިވެސް މަހާތީރެވެ. -- ރޮއިޓާސް