ކުއަލަލަމްޕޫރު (ޖޫން 30): މެލޭޝިއާ ސަރުކާރާ އިދިކޮޅު މެލޭޝިއަން ޑިމޮކްރަޓިކް އެކްޝަން ޕާޓީ (ޑީއޭޕީ)ގެ ލީޑަރު ލިމް ގުއަން އެންގްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އޭނާ އަށް ފާޅުގައި ފާޑު ވިދާޅުވެފައިވާ ލިމް ވަނީ މިއަދު ކޯޓަށް ހާޒިރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ ސެޕްޓެމްބަރު 22ގަ އެވެ. އަދި ކޮރަޕްޝަނުގެ ދައުވާ ސާބިތުވެއްޖެ ނަމަ ގިނަ ވެގެން 20 އަހަރުގެ ޖަލު ހުކުމް ލިމްގެ މައްޗަށް ކުރެވޭނެ އެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން މެލޭޝިއާގެ ޕިނަންގް ސްޓޭޓުގެ ޗީފް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ އަދި 2004 ވަނަ އަހަރުން ފެށިގެން ޑީއޭޕީގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ލިމްގެ މައްޗަށް ކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ އެވެ.

މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނި ގޮތުގައި އޭގެ ތެރެއިން އެއް ދައުވާ ގުޅިފައި ވަނީ ދައުލަތަށް ނިސްބަތްވާ ބިމެއް ބޭނުން ކުރާ ގޮތް ބަދަލު ކުރެއްވި މައްސަލައަކާ އެވެ. އަދި ދެ ވަނަ ދައުވާ އަކީ މާކެޓް ވެލިއު އަށް ވުރެ ދަށް އަގަކަށް ބަނގެލޯއެއް ގަތުމާ ގުޅިގެން ކޮށްފައިވާ ދައުވާއެކެވެ.

ލިމްގެ މައްސަލަ ބައްލަވަމުން ގެންދަވަނީ ބޮޑުވަޒީރު ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ސާބިތު ނުވާ ކަމަށް ނިންމެވި މެލޭޝިއާގެ އެޓާނީ ޖެނެރަލް މުހައްމަދު އަޕަންޑީ އަލީ އެވެ.

ޑީއޭޕީން އާއްމު ކުރި ބަޔާނެއްގައި އެޕާޓީން ވަނީ އެއީ "ސިޔާސީ ދައުވާ"އެއް ކަމަށް ބުނެ ދައުވާ ކުށްވެރިކޮށްފަ އެވެ. (އޭއެފްޕީ)