ކުރިއަށް އޮތް އޮލިމްޕިކްސް ކުޅުވަރު މުބާރާތުގެ ފުޓްބޯޅަ އިވެންޓަށް ބްރެޒިލް އިން ނެގި ސްކޮޑްގައި ހިމަނާ ސީނިއާ ތިން ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ތަރި ނާމާ އާއި ބަޔާން މިއުނިކްގެ ޑަގްލަސް ކޯސްޓާ ހިމަނައިފި އެވެ.

ދެން ހިމެނުނު 23 އަހަރުން މަތީގެ ކުޅުންތެރިއަކީ އުމުރުން 37 އަހަރުގެ ސީނިއާ ގޯލްކީޕަރު ފެނާންޑޯ ޕްރާސް އަށެވެ.

އޮގަސްޓް 5 އިން ފެށިގެން 21 ގެ ނިޔަލަށް ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބާއްވާ އޮލިމްޕިކް ކުޅުވަރު މުބާރާތަށް ނެގި ސްކޮޑްގައި ފާހަގަ ކޮށްލެވޭ ޒުވާން ކުޅުންތެރިންނަށް ހިމަނާފައި ވަނީ ޕީއެސްޖީގެ އުއްމީދީ ޑިފެންޑަރު މާކުއީނޯސް އާއި ބާސެލޯނާގެ ރަފީނިއާ އަދި ލާޒިއޯގެ ފެލިއްޕޭ އެންޑަސަން އެވެ. މީގެ އިތުރުން ދާދި ފަހުން ނިމުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހި ސަންތޯސްގެ ގެބްރިއަލް ބަރްބޯސާ ވެސް ވަނީ އެ ޓީމްގައި ހިމަނައިފަ އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުން ލިބުނު ނާކާމިޔާބީއާ އެކު ބްރެޒިލްގެ ކޯޗު ކާލޯސް ޑުންގާ އެ ޓީމްގެ ކޯޗުކަމުން ވަކި ކުރުމާއި ޒުވާން ޓީމަށް ނަގާފައި ވަނީ ރޮގެރިއޯ މިކޭލް އެވެ.

މިހާތަނަށް އޮލްމިކް ކުޅުވަރު މުބާރާތުގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލްއެއް ލިބިފައިނުވާ ބްރެޒިލް އަންނަނީ އެ މުބާރާތް ކާމިޔާބު ކުރުމަށް ދުރާލާ ތައްޔާރު ވަމުންނެވެ. އެގޮތުން ކޮޕާ އެމެރިކާ އާއި އޮލިމްޕިކް މުބާރާތް ކައިރި ކައިރީގައި އޮތުމުން ބާސެލޯނާ އިން ވަނީ ނޭމާ އަށް އެތަނުން އެއް މުބާރާތް ހިޔާރުކުރުމަށް އެދިފަ އެވެ.

ނަތީޖާއެއްގެ ގޮތުން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް ދޫކޮށްލުމަށް ފަހު ނޭމާ ވެސް މަޑު ކުރީ އަމިއްލަ ގައުމަށް ފުރަތަމަ ފަހަރަށް އޮލިމްޕިކުން ރަން މެޑަލްއެއް ހޯދައިދިނުމަށެވެ.