30 Jun 2016, 13:46
ރާއްޖޭގައި ހިންގާ ރިސޯޓްތަކުގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ މިންވަރު ނުވަތަ އޮކިއުޕެންސީ ރޭޓް މިދިޔަ މޭ މަހު 5.3 ޕަސެންޓް ދަށަށް ގޮސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ ޓޫރިސްޓް އެރައިވަލް ރިޕޯޓް ދައްކާގޮތުން މިއަހަރު ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓަކީ 67 ޕަސެންޓެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭ މަހު އެ އަދަދު ހުރީ 72.1 ގައެވެ. އެއީ ގާތްގަނޑަކަށް 5.3 ޕަސެންޓްގެ ވެއްޓުމެކެވެ.
ރިސޯޓްތަކުގެ އޮކިއުޕެންސީ މޭ މަހު ދަށަށް ދިޔައިރު، ރާއްޖޭގައި އޮޕަރޭޓްކުރާ ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ވެސް ވަނީ ދަށަށް ޖެހިލައިފައެވެ. އެގޮތުން ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ވަނީ 1.1 ޕަސެންޓް ދަށަށް ޖެހިލައިފައެވެ.
ރިސޯޓްތަކާއި ސަފާރީ ތަކުގެ އޮކިއުޕެންސީ ދަށަށް ޖެހިލި ނަމަވެސް ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސް ތަކުގެ އޮކިއުޕެންސީ މައްޗަށް ގޮސްފައިވާކަން ތަފާސް ހިސާބު ރިޕޯޓުން ދައްކަ އެވެ. އެގޮތުން ޓޫރިސްޓް ހޮޓާތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރުގެ މޭ މަހާ އަަޅައިބަލާއިރު 4.6 މައްޗަށް ގޮސްފައިވާ އިރު، ގެސްޓްހައުސްތަކުން ވެސް ވަނީ 5.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެވެ.
ރިސޯޓްތަކާއި ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ދަށަށް ދިއުމުގެ ސަބަބުން މިދިޔަ މަހުގެ ޓޯޓަލް އޮކިއުޕެންސީ ވަނީ 3.1 ޕަސެންޓް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރު މޭ މަހު ޖުމްލަ އޮކިއުޕެންސީ 63.6 ޕަސެންޓްގައި ހުރި ނަމަވެސް މިއަހަރު ހުރީ 60.5 ޕަސެންޓްގައެވެ.
މިދިޔަ މަހު ދިވެހިރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދުވެސް ވަނީ 2015 ވަނަ އަހަރުގެ މޭ މަހާ އަޅައިބަލާއިރު 2.3 ޕަސެންޓް ދަށްވެފައެވެ. 2015 ގެ މެއި މަހު 95389 ޓޫރިސްޓުން ރާއްޖެއަށް އައި ނަމަވެސް މިއަހަރު މެއި މަހު އައިސްފައި ވަނީ 93228 ޓޫރިސްޓުންނެވެ.
މިއަހަރު ފެށިގެން އައި ވަރަށް ބަލާއިރު ޖެނުއަރީ އިން ފެށިގެން މޭ މަހާ ހަމައަށް ޓޫރިސްޓުން އަންނަ އަދަދު ދަނީ ދަށްވަމުންނެވެ.