30 Jun 2016, 12:49
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ ޕޮލެންޑާ ދެކޮޅަށް ޕޯޗުގަލް ނިކުންނަ މެޗުގައި އެޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގިނަ ޝޮޓްތަކެއް ހަދަން ޖެހޭ ކަމަށް އެ ޓީމްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.
"އަހަރެމެން އެބަ ބޭނުންވޭ ރޮނާލްޑޯ 15 ވަރަކަށް ޝޮޓް ހަދައިގެން 10 ވަރަކަށް ގޯލު ކާމިޔާބް ކުރަން. ނަމަވެސް އިދިކޮޅަށް ނިކުންނަ ޓީމުން އެ ފުރުސަތެއް ނުދޭނެ. ވަރަށް ބޮޑަށް ރޮނާލްޑޯ މާކް ކޮށްގެން އޭނާ ހުއްޓުވާ ތަން ފެންނަނީ،" މިރޭގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސަންޓޯސް ބުންޏެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ޕޯޗްގަލް ކުޅުނު ތިން މެޗުން ވެސް އެއްވަރު ވެފައިވާ އިރު ފުރަތަމަ ދެ މެޗުގައި ރޮނާލްޑޯ އަށް ވަނީ އެކަށީގެންވާ ރަނގަޅު ކުޅެމެއް ނުދެއްކި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒް ވެފައެވެ. ނަމަވެސް ގުރޫޕްގެ ސްޓޭޖް ފަހު މެޗުގައި ކްރޮއޭޝިއާ ކޮޅަށް ޖެހި ދެ ގޯލާ އެކު ރޮނާލްޑޯ ވަނީ އޭނާގެ ފެންވަރު ދައްކާލާފައެވެ.
"އެންމެން ވެސް ރޮނާލްޑޯގެ ވާހަކަ ދައްކަނީ ސަބަބެއް ނެތި އެއް ނޫން. ސަބަބަކީ އޭނާ އަކީ ހުނަރުވެރި ތަފާތު މޮޅު ކުޅުންތެރިއަކަށް ވާތީވެ. މީހުން އަބަދު ވެސް ދައްކާނީ މޮޅެތި ކުޅުންތެރިންގެ ވާހަކަ. އެހެންނޫނީ އަބަދު އެ ކުޅުންތެރިއެއްގެ ވާހަކަ އެއް ނުދައްކާނެ،" ސަންޓޯސް ބުންޏެވެ.
ސަންޓޯސް ބުނީ ރޮނާލްޑޯގެ ވާހަކަ ދެއްކުމަކީ މައްސަލެ އެއް ނޫން ކަމަށާއި ޕޮލެންޑްގެ ލެވަންޑޯސްކީ އަކީ ވެސް ރޮނާލްޑޯ އަށް ވަކި ދޫކުރާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި އެ ޓީމްގައި ވެސް މޮޅެތި ކުޅުންތެރިން ތަކެއް އެބަތިބިކަން އޭނާ ފާހަގަކުރިއެވެ.
"މިރޭގެ މެޗު ވެގެންދާނީ ވަރަށް ވާދަވެރި މެޗަކަށް. ޕޮލެންޑް ވެސް އެއްވެސް ވަރަކަށް އަހަރެމެންނަށް ދުލެއް ނުދޭނެ. އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމް ވަންތަ ކުޅުމެއް ކުޅޭ ޓީމެއް،" ސަންޓޯސް ބުންޏެވެ.
ޕޮލެންޑް އާއި ޕޯޗުގަލް ކުއާޓާ ފައިނަލްގައި ބައްދަލު ކުރާ މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12: ޖަހާއިރުއެވެ.