ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްއާ ދެކޮޅަށް ނިކުންނައިރު އެ ޓީމުން އުފައްދާ ކައުންޓާ އެޓޭކް ތަކަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމަށް ޕޮލެންޑްގެ ކޯޗު އެޑަމް ނަވަލޫކާ ބުނެފިއެވެ.

މިރޭގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ނަވަލޫކާ ބުނީ ޕޯޗުގަލް ޓީމަކީ ދަނޑު މަތީގައި ވަރަށް ބުރަކޮށް މަސަތްކަތް ކުރާ ޓީމެއް ކަމަށާއި އެ ޓީމްގެ ދެ އަރިމަތިން ކުޅޭ، ކުރިސްޓިއާނޯ ރޮނާލްޑޯ އާއި ނާނީގެ ސްޕީޑް ބޭނުން ކޮށްގެން އުފައްދާ ކައުންޓާ އެޓޭކްތައް ހުއްޓުވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ޕޯޗުގަލް އަކީ މަސައްކަތުގެ ރޭޓް ވަރަށް ހައި ކޮށް އުޅޭ ޓީމެއް. ކައުންޓާ އެޓޭކްގެ އިތުރުން ޑިފެންސް ވެސް ވަރަށް ވަރުގަދަ ވާނެ. އެހެންވީމަ އަހަރެމެން އުންމީދު ކޮށްގެން މިތިބީ ވަރަށް އުނދަގޫ މެޗަކަށް،" ނަވަލޫކާ ބުންޏެވެ.

އޭނާ ބުނީ ޕޮލެންޑް ކުޅުމާއި މެދު އެއްވެސް ފަރާތަކުން ޝައްކު އުފައްދާނެ ފުރުސަތެއް ނެތް ކަމަށާއި މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް އެ ޓީމް އައިސްފައިވާނީ ބޮޑެތި ވަރުގަދަ ޓީމްތައް ބަލިކޮށްފައި ކަމަށެވެ.

"އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ މި ޓީމްގެ ފެންވަރު. މުބާރާތުގެ ކުއާޓާ ފައިނަލްއާ ހަމައަށް އައުމުން އެއްވެސް ފަރާތަކުން ހައިރާން ވާކަށް ނުޖެހޭ. ޕޮލެންޑުން މި މުބާރާތުގައި މި އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން،" ނަވަލޫކާ ބުންޏެވެ.

މި ފަހަރުގެ ޔޫރޯގައި ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް ގޯލެއް ކާމިޔާބް ނުކުރެވޭތީ ގިނަ ބަޔަކު ފާޑު ކިޔަމުން އަންނައިރު ނަވަލޫކާ ބުނީ ކެޕްޓަނެއްގެ ގޮތުން ލެވޮންޑޯސްކީ އަންނަނީ އޭނާގެ މަސަތްކަތް ވަރަށް ރަނގަޅަށް އަދާކުރަމުން ކަމަށާއި އޭނާގެ ފައިދާ ޕޮލެންޑަށް ވަރަށް ރަނގަޅަށް ކުރާ ކަމަށެވެ.

ޕޯޗުގަލް އާއި ޕޮލެންޑް ބައްދަލު ކުރާ ކުއާޓާ ފައިނަލްގެ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 އެވެ.