30 Jun 2016, 11:59
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަނެއްކާ ވެސް ދަށްވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ މެއި މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 93,228 އެވެ.
މިއީ 2015 ވަނަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 2.3 ޕަސަންޓުގެ ދަށްވުމެކެވެ.
މެއި މަހު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރި ތިން ގައުމަކީ ޗައިނާ، ޖަރުމަނު އަދި އިނގިރޭސި ވިލާތެވެ. ޗައިނާއިން 25,005 ފަތުރުވެރިން ރާއްޖެ އައި އިރު ޖަރުމަނުން 10,141 ފަތުރުވެރިން އަދި ޔޫކޭއިން 7,253 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ.
އެހެން ނަމަވެސް މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ފެންނަ ޓްރެންޑަކީ، ޓޫރިސްޓް އެރައިވަލް ރޭޓު މަހުން މަހަށް ދަށްވަމުން އަންނަ ކަމެވެ.
އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހު 108,396 ފަތުރުވެރިން ރާއްޖެ އައި އިރު، މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރީ ފެބްރުއަރީ މަހުގަ އެވެ. އެ މަހު 120,639 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އެވެ. ފެބްރުއަރީ އިން ފެށިގެން ޓޫރިސްޓް އެރައިވަލްސް ވަނީ ދަށް ވާން ފަށާފަ އެވެ. އެގޮތުން މާޗް މަހު 115,131 ފަތުރުވެރިންނަށް އެ އަދަދު ވެއްޓުނު އިރު އޭޕްރިލް މަހު ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދަކީ 103,493 އެވެ. މެއި މަހު މި އަދަދު ލައްކަ އަކަށް ވުރެ ވެސް ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.
އޭޕްރިލް މަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ވުރެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10،000 ގެ އަދަދަކުން ދަށެވެ. އެއީ ގާތްގަނޑަކަށް ނުވަ ޕަސަންޓުގެ ދަށްވުމެކެވެ.
އެހެން ނަމަވެސް، މެއި މަސް ނިމުނު އިރު ރާއްޖެއަށް ބައި މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 540,887 އެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު މި އަދަދަށް ވުރެ 2.5 ޕަސަންޓު ދަށެވެ. އެއީ 527,599 ފަތުރުވެރިންނެވެ.
ބެޑް ނައިޓްސް ރޭޓަށް ބަލާ އިރު ވެސް މެއި މަހުގެ ރޭޓު ވަނީ ދަށްވެފަ އެވެ. އެގޮތުން މެއި މަހު ރާއްޖެ ޒިޔާރަތްކުރި ހުރިހާ ފަތުރުވެރިންގެ ބެޑްނައިޓްސް ވަނީ އޭޕްރިލް މަހާ އަޅާ ބަލާއިރު 11.13 ޕަސަންޓު ދަށްވެފަ އެވެ. އަދި ރިސޯޓު، ހޮޓެލް، ގެސްޓްހައުސްއާއި ސަފާރީ ފަދަ ތަންތަނުގެ އޮކިއުޕަންސީ ރޭޓު ވެސް މިދިޔަ އޭޕްރިލް މަހާ އަޅާ ބަލާއިރު، 10 ޕަސަންޓު ދަށްވެފައިވެ އެވެ.