19 May 2011, 22:05
ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އައްޔަންކުރައްވައިފަ ހުންނެނި މެމްބަރު އައިޝަތު ވެލެޒިނީ އެ ކޮމިޝަނުން މިއަދު ވަކިކުރައްވައިފި އެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ވެލެޒިނީ މަގާމުން ވަކި ކުރައްވާފައިވާކަން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓްރީ މުހައްމަދު ޒުހައިރު ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އާ މެންބަރަކު ވަރަށް އަވަހަށް އައްޔަން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ވެލެޒިނީ ވަކި ކުރެއްވި ވަކި ސަބަބެއް ޕްރެސް ސެކްރެޓްރީ ވިދާޅެއްނުވެ އެވެ.
"ރައީސަށް ފެނިވަޑައިގެންނެވީމަ އެ ވަކިކުރެއްވީ. އެކަމަކު މިފުރުސަތުގައި ފާހަގަކޮށްލަން އެކަމަނާ މިހާތަނަށް ޖޭއެސްސީގައި ވަރަށް މުރާލިކަމާއި ސާބިތުކަމާއެކު ކުރެއްވި ހުރިހާ މަސައްކަތްޕުޅުތަކަށް ރައީސް ޝުކުރުވެރިވެވަޑައިގަންނަވައި،" ޒުހެއިރު ވިދާޅުވި އެވެ.
ވެލެޒިނީ ފޯނު ނުނަންގަވާތީ މިކަމުގައި އޭނަގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ވެލެޒިނީއަކީ ޖޭއެސްސީގެ މަސައްކަތްތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް މެންބަރެވެ. އަދި ފަނޑިޔާރުން ދާއިމީ ކުރުމުގަ އާއި ބައެއް ފަނޑިޔާރުންގެ ޝަކުވާތައް ބެލުމުގައި ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތަށް ވެސް ވެލެޒިނީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.