30 Jun 2016, 11:34
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގެންނަން ފެންނަ އިސްލާހުތައް އެ ކޮމިޝަނުން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ އެ ކޮމިޝަންގެ ގާނޫނަށް ގެންނަން ފެންނަ 68 އިސްލާހެއް އޭޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އެ އިސްލާހުތަކުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކާއި ކޮމިޝަނަށް ގާނޫނީގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާއި އާ ގާނޫނުލް އުގޫބާތާ ގުޅިގެން ޖިނާއީ އަދުލުގެ ނިޒާމަށް އައި ބަދަލުތަކާ ގުޅިގެން ގާނޫނަށް ގެންނަން ޖެހޭ ކަމަށް ފެންނަ އިސްލާހުތައް ހިމެނޭނެ ކަމަށް އޭސީސީން ބުންޏެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި ކޮމިޝަންގެ އިޙްތިސާސްއާ ގުޅުންހުރި މުހިންމު އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
"އޭގެތެރޭގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމާއި، ތަހުގީގު މަރުހަލާގެ ތެރޭގައި ކަންކަން ހުއްޓުވުމާއި ކޮރަޕްޝަންގެ ކުށްތަކުގެ ތެރެއިން ދައުލަތަށް ގެއްލިގެންދާ ފައިސާ އަނބުރަ ހޯދުމާއި ދައުލަތުގެ މުވައްޒަފުން މުދަލާއި ފައިސާ ހޯދާގޮތް ބެލުން އަދި ކޮރަޕްޝަންގެ ކުށްތައް ތަހުގީގު ކުރުމަށްޓަކައި ޚާއްސަ އޮޕަރޭޝަންތައް ހިންގުމާ ގުޅޭ މުހިންމު އިސްލާހުތަކެއް ހިމަނާފައިވާނެ،" އޭސީސީން ބުންޏެވެ.