30 Jun 2016, 11:36
ޝިރީޝް ކުންދަރުގެ ކުރު ފިލްމު 'ކްރިތީ' އަކީ ކޮޕީ ފިލްމެއް ކަމަށް ބުނެ އެ ފިލްމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަން ފެށުމާ އެކު ފިލްމު ޔޫޓިއުބުން ނަގައިފި އެވެ.
'ކްރިތީ' ރިލީޒް ކުރީ މި މަހުގެ 22 ވަނަ ދުވަހު އެވެ. ފިލްމު ރިލީޒް ކުރުމާ އެކު ބޮލީވުޑްގެ ކާމިޔާބު ފަންނާނުންގެ އިތުރުން އާންމުންގެ ބޮޑު ތަރުހީބެއް ވެސް ފިލްމަށް ލިބިގެން ދިޔަ އެވެ.
އަށާރަ މިނެޓުގެ އެ ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ އެކެވެ. އެ ފިލްމުން ފެނިގެންދާނީ މިދިޔަ އަހަރު ނުކުތް ކުރު ފިލްމު 'އަހަލްޔާ'ގެ ލީޑު ރޯލުން ފެނިގެން ދިޔަ ހުނަރުވެރި އެކްޓްރެސް ރާދިކާ އަޕްޓޭ އާއި މަނޯޖް ބާޗްޕާއީ އަދި ނޭހާ ޝަރްމާ އެވެ.

ކްރިތީގެ ފަސްޓް ލުކް --
އެ ފިލްމު ބިނާކޮށްފައި ވަނީ މަނޯޖް (ސަޕަން)ގެ ދިރިއުޅުމުގައި ހިނގާ ހަގީގީ ކަންތައްތަކާއި ޚިޔާލީ ކަންތައްތަކެއްގެ މައްޗަށެވެ. މަނޯޖް އެ ފިލްމުގައި ކުޅެނީ ލިޔުންތެރިއެއްގެ ރޯލެވެ. ރާދިކާ އަކީ އޭނާގެ ޑޮކްޓަރު އަދި އެކުވެރިއެކެވެ.
ދެ މިލިއަނަށް ވުރެ ގިނަ މީހުން އެ ފިލްމު ބަލައި، ފިލްމަށް ތައުރީފު އޮއްސަމުން ދަނިކޮށް، އެއީ ކޮޕީ ފިލްމެއް ކަމަށް ބުނެފައި ވަނީ ނޭޕާލްގެ ފިލްމު އުފައްދާ ފަރާތަކުންނެވެ.
ނޭޕާލްގެ ޑައިރެކްޓަރު އަނީލް ނޫޕާނޭ ބުނެފައި ވަނީ 'ކްރިތީ' އަކީ އޭނާގެ ކުރު ފިލްމު 'ބޮބް'ގެ ކޮޕީއެއް ކަމަށެވެ. އެ ފިލްމަކީ މީގެ ހަތް މަސް ކުރިން ރިލީޒް ކޮށްފައިވާ ފިލްމެކެވެ.
'ކްރިތީ' އާއި 'ބޮބް' ގައި ވަރަށް ބޮޑެތި އެއްގޮތް ކަންތައްތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.
ފިލްމުގެ އިތުރުން، ފިލްމުގެ ޕޯސްޓަރަކީ ވެސް ޖަޕާނު ފިލްމަކުން ކޮޕީ ކޮށްފައިވާ ޕޯސްޓަރެއް ކަމަށް ބުނެ ވެސް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ވާހަކަ ދެކެވެމުންނެވެ.
ނަމަވެސް ޝިރީޝް ވަނީ އެއީ ކޮޕީ ފިލްމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި 'ކްރިތީ' އާ ގުޅޭ ގޮތުން އަނީލް ދައްކާފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެ ކަމަށް މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފަ އެވެ.