އެސްޓީއޯ އިން 19.3 މިލިއަން ރުފިޔާގެ ތެޔޮ ކްރެޑިޓަށް ނެގިކަން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ތެޔޮ ކުންފުނި މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެސްޓީއޯ އިން ކޯޓުގައި ދައުވާކޮށްފައި ވަނީ މެރީޑިއަމް ސާވިސްއާއެކު ތެޔޮ ދޫކުރުމަށް މާޗް 31، 2010 ވަނަ ދުވަހު ވެފައިވާ އެއްބަސް ވުމުގެ ދަށުން އެސްޓީއޯ އިން ކްރެޑިޓަށް ނަގާފައިވާ ތެލަށް ޖޫރިމާނާ އެކު ޑިސެމްބަރު 1، 2010 ގެ ނިޔަލަށް އަރާފައިވާ 19.3 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެ މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ މެރީޑިއަމް ސާވިސް އަށް ތެޔޮ ދޫކުރިކަން އަންގައިދޭ ލިޔުންތައް ކަމަށް ބުނެ އެސްޓީއޯ އިން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތައް ސައްހަކަމާ މެދު ދައުވާ ލިބޭ ފަރާތުން ސުވާލު އުފައްދާފައިވާ ކަމަށެވެ. އަދި އެލިޔުންތައް ސައްހަކަން ކަށަވަރުކުރުމަށް ލިޔުންތަކުގެ އަސްލު ޝަރީއަތަށް ހުށަހެޅުމަށް އެންގުމުން ލިޔުންތައް ގެއްލިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ލިޔުންތައް ގެއްލުނީ އެސްޓީއޯގައި ހިނގި ވައްކަމުގެ ހާދިސާއެއްގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ސިޓީފޮނުވާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. ވައްކަމުގެ މައްސަލާގައި ލިޔުންތައް ގެއްލިގެން މައްސަލަ ބަލައި ދިނުމަށް އެދި އެސްޓީއޯ އިން ފުލުހުންނަށް މައްސަލަ ހުށަހެޅި އޮކްޓޫބަރު 2011ގައި ކަމަށާއި ނަމަވެސް އޭގެ ކުރިން ވެސް މެރީޑިއަމްގެ މައްޗަށް ދައުވާކޮށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ފަހުން ދައުވާ އަނބުރާ ގެންގޮސް އަލުން ހުށަހެޅީކަމަށް ގާޒީ ވިދާޅުވި އެވެ.

އަސްލު ލިޔެކިޔުންތައް އެސްޓީއޯގެ ހިޔާޒަތުގެ ދަށުގައި ހުރެ ގެއްލުނީ ވައްކަމުގެ މައްސަލައަކުން ނޫންކަން ފުލުހުން މައްސަލަ ބެލުމަށް ފަހު އަންގާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެސްޓީއޯގެ ހިޔާޒަތުގެ ދަށުގައި ހުރި ލިޔެކިޔުންތަކެއް ގެއްލުމުގައި ދައުވާލިބޭ ފަރާތުގެ އެއްވެސް ދައުރެއް އޮތްކަން ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެެވެ.

އެސްޓީއޯގެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއްކަން ސާބިތުކޮށްދިނުމަށް ލިޔުންތައް ފޮޓޯ ނެގި ކަމަށް ބުނާ ކުއްޖާ ހެއްކިބަސްދިން ނަމަވެސް އޭނާއަކީ މިހާރު ވެސް އެސްޓީއޯގައި މަސައްކަތްކުރާ މުވައްޒަފެއް ކަމުން އޭނާގެ ހެކިބަސް ގަބޫލުނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އޭނާ ހެކިބަސް ދެމުން ފޮޓޯކޮޕީ ނެގި ކަމަށް ބުނި ތާރީހަކީ ލިޔުންތައް ގެއްލުނުކަމަށް ބުނާ ތާރީހަށް ވުރެ ފަހުގެ ތާރީހެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

އޭގެ އިތުރުން މެރީޑިއަމްގެ ދޯނި ފަހަރަށް ތެޔޮ އެޅިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިންނަށް ވެސް ތެޔޮއަޅާފައި ވަނީ މެރީޑިއަމްގެ ވެސެލްސްއަށްކަން ކަނޑައެޅިގެން ބުނެދެވިފައިނުވާ ކަމަށް ހުކުމް އިއްވަމުން ގާޒީ ވިދާޅުވި އެވެ.

ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކަށާއި ހެކިތަކަށް ބަލާ އިރު އެސްޓީއޯ އިން 19.3 މިލިއަން ރުފިޔާގެ ތެޔޮ ކްރެޑިޓަށް ނެގިކަން މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.