ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ގައިދީންތަކެއްގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުން މިރޭ ފެށި ހާއްސަ އޮޕަރޭޝަނެއްގައި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓްރީގައި އިސްކޮށް މަސައްކަތް ކުރެއްވެވި އިސްތަފާ އިބްރާހިމް މަނިކު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިސްތަފާ ހާޒިރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައި އެވެ. އޭނާ ހާޒިރު ކުރީ ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތަހުގީގާ ގުޅިގެން ސުވާލުތަކެއް ކުރުމަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

"މިރޭގެ ވަގުތެއްގައި އަޅުގަނޑުމެން އިސްތަފާ އިބްރާހިމް ހާޒިރުކޮށްފިން. މިހާރު ސުވާލުކުރަމުންދަނީ،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ސަރުކާރުގައި 44 އަހަރުވަންދެން ޑިފެންސް މިނިސްޓްރީގެ އެގެޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވެވި އިސްތަފާއަކީ ކުރިން ޖަލުތަކުގައި ގައިދީން ބެލެހެއްޓުމުގެ އިސް ދައުރެއް އަދާކުރެއްވެވި ބޭފުޅެކެވެ.

ޖަލުގައި އަނިޔާކުރުމަކީ ޖިނާއީ ކުށެއް ކަމަށްވާތީ އެކަން ކުރި އެންމެން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމަށް މިރޭ އެމްއެންބީސީ ވަންގެ ހަބަރުގައި އިންސްޕެކްޓަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ގެންނަން ޖެހޭ ފަރާތްތަކުގެ ތެރެއިން ބަޔަކު މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރާނެ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

"..އަޅުގަނޑުމެންނަށް އެންމެ މުހިންމުކޮށް މައުލޫމާތު ސާފުކުރުމަށްޓަކައި، ތަހުގީގު ހިންގުމަށްޓަކައި ބޭނުންވާ ފަރާތްތައް ހާޒިރުކޮށްގެން ތަހުގީގު ފެށޭނެ،" ނަވާޒް ވިދާޅުވި އެވެ.

މި އޮޕަރޭޝަން ފެށުމުގެ އަމުރު ފުލުުހުންނަށް ގޮސްފައިވަނީ ރައީސް އޮފީސް ތެރެއިންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނުގެ ފަރާތުން ސެކިއުރިޓީ އެޑްވައިޒާ އަމީން ފައިސަލް މިރޭ އެމްއެންބީސީގެ ހަބަރުގައި ދެއްވި ބަޔާނުން އެކަން ކަށަވަރުވެ އެވެ.

އަމީން ފައިސަލް ވިދާޅުވީ، މައުމޫން ސަރުކާރުގެ ދުވަސްވަރު ފުޅާ ދާއިރާއެއްގައި ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ބެލިބެލުމުން އެނގޭ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށާއި އެކަމުގައި ހާޒިރުކުރަން ޖެހޭ ކޮންމެ ފަރާތެއް ވެސް ހާޒިރުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންނަށް ކޮށްފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކެއް މިދިޔަ ހޯމަ ދުވަހު ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.