30 Jun 2016, 02:32
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތްރީލައިން ވިޕާ ޚިލާފުވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ)އާ މެދު ފިޔަވަޅު އެޅުމަށް ސުލޫކު ކޮމެޓީ އަށް ފޮނުވައިފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅަކު ސަން އަށް ވިދާޅުވީ އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ސުލޫކު ކޮމެޓީއަށް މިހާރު ވަނީ މައްސަލަ ފޮނުވާފައި ކަމަށެވެ.
ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތައް އިއުލާންނުކޮށް ކުއްޔަށްދެވޭގޮތް ހެދުމަށްޓަކައި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ތާއީދުކޮށް ވޯޓު ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެ ބިލަށް ތާއީދުކޮށްދެއްވުމަށް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ރައީސް ޔާމީން އެގޮތަށް އެދިވަޑައިގަތަސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެބިލާ ދެކޮޅު ހައްދަވާފަ އެވެ. އެ ބިލް ފާސްނުކުރުމަށް މައުމޫން އެދިވަޑައިގެންފައި ވެއެވެ.
އެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ތާއީދު ކުރައްވާފަ އެވެ. އުމަރު ވިދާޅުވެފައި ވަނީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބޭނެ ހަމައެކަނި ގޮތަކީ ބިޑުކޮށްގެން ޓޫރިސްޓު ރިސޯޓުތައް ތަރައްގީކުރަން ރަށްތަކާއި ފަޅުތައް ކުށްޔައް ދޫކުރުން ކަމަށެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާރިސް ވަނީ އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. އެ ބިލަށް ވޯޓަށް އަހަން ކުޑަތަންވެފައި ވަނިކޮށް ވައްޑޭ ވަނީ މަޖިލީހުން ނުކުމެވަޑައިގެންފަ އެވެ.