01 Jul 2016, 15:34
މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެކްޓްރެސްގެ މަގާމް ސްކާލެޓް ޖޯހެންސަން ހޯދައިފި އެވެ.
މާވެލް ކޮމިކްސްގެ ފިލްމުތަކުގައި ބުލެކް ވިޑޯގެ ރޯލް އަދާކުރާ ސްކާލެޓް އަށް އެ މަގާމް ލިބުނީ، މިއަހަރު ރިލީޒްކުރި އޭނާގެ ދެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީއާއެކުގަ އެވެ.
ބޮކްސް އޮފީސް މޯޖޯ ވެބްސައިޓުން ބުނީ، އުމުރުން 31 އަހަރުގެ ސްކާލެޓް އަށް މިހާތަނަށް 3.3 ބިލިއަން އެެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އެ އާމްދަނީއާއެކު އޭނާ ވަނީ އެންމެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމީ ތަރިންގެ ލިސްޓުގެ 10 ވަނަ މަގާމު ވެސް ލިބިފައެވެ.
އޭނާއަކީ ލިސްޓުގެ ގަދަ 10 ގައި ހިމެނޭ ހަމައެކަނި އަންހެން އަދި އެންމެ ޒުވާން ތަރި އެވެ.
އުމުރުން އެންމެ 11 އަހަރުގައި، 1996 ވަނަ އަހަރު ނެރުނު ފިލްމު، "މެނީ އެންޑް ލޯ" އިން އާއްމުންގެ މަގްބޫލުކަން ހޯދި ސްކާލެޓް މިހާތަނަށް ވަނީ 37 ފިލްމެއް ކުޅެފައެވެ.
އަދި މިއަހަރު އޭނާ ފެނިގެންދިޔަ ބޮކްސް އޮފީހުގެ ހިޓް ދެ ފިލްމު، "ކެޕްޓަން އެމެރިކާ: ސިވިލް ވޯރ" އަދި "ދަ ޖަންގަލް ބުކް" އާއެކު ސްކާލެޓް ޖޯހެންސަން އަށް މިއަހަރަކީ ކާމިޔާބު އަހަރެކެވެ.
ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމީ ތަރިންގެ ލިސްޓުގެ އެއްވަނާގައި އޮތީ ސްޓާ ވޯސް ސިލްސިލާގެ ހަތްވަނަ ފިލްމު، "ސްޓާ ވޯސް: ދަ ފޯސް އެވޭކެންސް" އިން ބޮޑު ކާމިޔާބީއެއް ހޯދި ހެރިސަން ފޯޑެވެ. އޭނާ ކުޅެފައިވާ 41 ފިލްމުން އޭނާ އަށް ލިބިފައިވަނީ 4.87 ބިލިއަން އެމެރިކާ ޑޮލަރެވެ.
ދެވަނާގައި އޮތީ މިހާތަނަށް 68 ފިލްމު ކުޅެ، 4.64 ބިލިއަން އެމެރިކާ ޑޮލަރުގެ ލިބުނު ސެމުއެލް އެލް ޖެކްސަން އެވެ.