30 Jun 2016, 00:18
އިއުލާން ކުރުމެއްނެތި ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށްދެވޭގޮތް ހެދުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް މިއަދު ނެގި ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވެސް ބައިވެރިނުވާކަން ސަން އަށް އެނގިއްޖެ އެވެ.
ސަން އަށް އެނގިފައިވާގޮތުގައި މިއަދު 1:30 ވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ވައްޑޭ ވަނީ މަޖިލީހުން ނުކުމެވަޑައިގެންފަ އެވެ.
މިއަދުގެ ވޯޓުގައި ވައްޑޭ ބައިވެރިވެވަޑައިގެންފައިނުވާއިރު، އެ ބިލަށް ވޯޓު ނުދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މައުމޫން އެދިވަޑައިގަތް ގޮތަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވޯޓު ދެއްވީ އެ ބިލާ ދެކޮޅަށެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބޭނެ ހަމައެކަނި ގޮތަކީ ބިޑުކޮށްގެން ޓޫރިސްޓު ރިސޯޓުތައް ތަރައްގީކުރަން ރަށްތަކާއި ފަޅުތައް ދޫކުރުން ކަމަށެވެ.