30 Jun 2016, 01:25
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސުން އެއް ވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނިއު ރޭޑިއަންޓްގެ މައްޗަށް އީގަލްސް އިން ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
29 ޖޫން 2016: ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަކުރި މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ
އެ ނަތީޖާއާއެކު ލީގުގެ ދެ ވަނައިގައި އީގަލްސް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، މިރޭގެ މެޗުން ބަލިވި ނިއު ކުޅުނު ހަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އޮތީ ލީގުގެ ހަ ވަނައިގައެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ނިއު އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބޯޅަ ހިފައިގެން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، އަހްމަދު ސުހައިލް (ބަމްޕުޗް) އުފެއްދި ހަމަލާ، ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.
އޭގެ ތިން މިނެޓު ފަހުން ވެސް ނިއު އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އިއްޒަތު އަބްދުލް ބާރީ ދިން ރީތި ބޯޅައަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ހަމްޒާ މުހައްމަދު (ހަމްޕު) އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
29 ޖޫން 2016: ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަކުރި މެޗުގެ ތެރޭން -- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، އީގަލްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ހަމްދާން އިބްރާހިމް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓް ފަހުން އީގަލްސް އިން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ސަމީހު މޫސާ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
29 ޖޫން 2016: ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަކުރި މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ
މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސް އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަހްމަދު ރިޒްވާން ނަގައިދިން ނުރައްކާތެރި ހުރަހަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި މުހައްމަދު ސެޑިކް އުފެއްދި ހަމަލާ، ކީޕަރު ސުލޭމާނާ އަބޫ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
ލީގުގެ ފުރަތަމަ ބުރުގައި ދެން ކޮންމެ ޓީމެއް ވެސް ކުޅެން ޖެހޭނީ އެއް މެޗެވެ. ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ. އެ ދުވަހުގެ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.