އދ. ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް އެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިއަދު ސަން އަށް ވިދާޅުވީ އދ. ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް ބާއްވަން ސަރުކާރުން ނިންމާފައި ވަނީ ރޯދަ މަސް ނިމުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވާ އދ. ގެ މަންދޫބު، މރ. ތަމްރަތު ސެމިއުލް އަންނަ މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

"އަންނަ މަހު އެ މަންދޫބު ވަޑައިގެން މަޝްވަރާތައް ފަށައިގަނެވޭނެ،" ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަންގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފް ވިދާޅުވީ ސަރުކާރާ އެކު ބާއްވާ މަޝްވަރާތަކުގައި ދެން ބައުވެރިވާނީ އެ އިއްތިހާދުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޝައިނީ ވިދާޅުވީ ސަރުކާރުން މަޝްވަރާތައް ކުރިއަށްގެންދަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކާ އެކު ކަމަށާއި މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން ނަކަށްކިޔާ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.