19 May 2011, 20:22
ސިޔާސީ ޕާޓީތަކުގެ ގަވައިދާ އަދި ޕާޓީތަކުގެ އަސާސީ ގަވައިދުގެ އިތުރުން ގާނޫނުތަކުގެ ތެރޭގައި ހަރަކާތްތެރިވުމަށް އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ގޮވައިލައިފި އެވެ.
އެކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީއެއްގެ ކައުންސިލުން ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ހަރަކާތްތައް ގެންދެވޭނެ ގޮތަކަށް ކަންތައްތައް ކުރުމަކީ އެޕާޓީއެއްގެ އެންމެހާ މެމްބަރުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ޕާޓީއެއްގެ އާއްމު މެމްބަރުންނާއި އިންތިހާބުކުރެވިފައިވާ މަގާމުތަކުގައި ތިއްބަވާ މެމްބަރުންނަކީ ވެސް ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި މަގުސަދުތަކާ ސިޔާސަތާ ތައާރުޒް ނުވާ ގޮތެއްގެ މަތިން އަމަލުކުރާ ބަޔަކު ކަމުގައިވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިލެކްޝަން ކޮމިޝަނުން މިފަދަ ބަޔާނެއް އާއްމުކޮށްފައި ވަނީ އިދިކޮޅު ޑީއާރުޕީގެ އަސާސީ ގަވާއިދާ ހިލާފަށް ޒެޑް ޑީއާރުޕީގެ ނަމުގައި އެޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވަކި ފެކްޝަނެއް ހައްދަވައިގެން އުޅުއްވާ ދަނޑިވަޅެއްގައި އެވެ. އެ މައްސަލަ ޑީއާރްޕީން ވަނީ އިލެކްޝަންސް އަށް ހުށަހަޅައިފަ އެވެ.