ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދައަކާ ނުލައި އެ ޕާޓީގެ އެއްވެސް ރަސްމީ ގުނަވަނަކުން ނޫނީ ކޮމެޓީއަކުން އެއްވެސް ބައްދަލުވުމެއް ނުބޭއްވުމަށް އެމަނިކުފާނު މިއަދު އަންގަވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެެމްގެ ފައުންޑާ މައުމޫންގެ ހުއްދަ ނެތި، ޕީޕީއެމްގެ އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުމެއް، އެމަނިކުފާނު ވަކިގޮތެއް އަންގަވަންދެން ނުބޭއްވުމަށް އެދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް ވަނީ އަންގަވައިފަ އެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން ތޮލާލު ޖަވާބެއް ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަން އެނގިފައިވާ ގޮތުގައި މައުމޫންގެ އެ ނިންމެވުން މިހާރު ވަނީ ޕީޕީއެމްގެ ކޮމިޓީތަކާއި ގުނަވަންތަކުގެ މުގައްރިރުންނާއި ލީޑަރުންނަށް ސެކްރެޓަރީ ޖެނެރަލް ހިއްސާ ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ކޮމިޓީތައް މައުމޫންގެ ހުއްދަ ނެތި ނުބާއްވަން އެމަނިފާނު އަންގަވާފައި މި ވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި، ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރުމަށް މައުމޫން އިއުތިރާޒު ކުރައްވާފައި ވަނިކޮށް، އެއާ ހިލާފަށް އެ ބިލް ފާސްކޮށްފައިވާ ދަނޑިވަޅައެއްގަ އެވެ. އަދި ޕީޕީއެމްގެ ކޮމިޓީތައް މައުމޫންގެ ހުއްދަ ނެތި ނުބާއްވަން އެންގެވީ ވެސް، ސަން އަށް އެނގިފައިވާ ގޮތުގައި، އެ ބިލް ފާސް ކުރި ފަހުންނެވެ.

މައުމޫން ޕީއެމްއެމްގެ ޕާލަމެންޓް ގްރޫޕްގެ މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ރަށްރަށާއި ބިމާއި ފަޅުތައް އާއްމުކޮށް އިއުލާންނުކޮށް ޓޫރިޒަމާ ބެހޭ މަސައްކަތްތަކަށް ދޫކުރުމަކީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި އެ "ބިލް ފާސްކުރަން އެއްވެސް މެމްބަރަކު ވޯޓު ނުދެއްވަން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން" އެދިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ކުރީ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިޔަތު ކޮމިޓީގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރީ ލީޑަރު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައީސް މައުމޫން އެ ގޮތަށް އެދިވަޑައިގަތަސް އެ ބިލް ފާސް ކުރުމަށް ޕީޕީއެމްގެ މެންބަރުން ވޯޓު ދެއްވާނެ ކަމަށެވެ.

އަދި މިއަދު ނެގި ވޯޓުގައި އެ ބިލް ފާސްކޮށްފައި ވަނީ، 45 މެމްބަރުންގެ ވޯޓާ އެކު އެވެ. ނަމަވެސް ޕީޕީއެމްގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އެ ބިލަށް ވޯޓު ދެއްވީ ޕީޕީއެމްގެ ހުށަހެޅުމާ ދެކޮޅަށެވެ.