ރަމަޟާން މަހަށް ޚާއްސަކޮށްގެން މީޑިއާނެޓުން ކުރިޔަށް ގެންދިޔަ "މީޑިއާނެޓް ރޯދަ ހަދިޔާ" ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް އިނާމު ހަވާލު ކޮށްފި އެވެ.

ސޯލްޓް ކެފޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، މީޑިއާނެޓުގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ސިމާނާ އިސްމާއިލް ވިދާޅުވީ މީޑިއާނެޓުގެ ރޯދަ ހަދިޔާ ޕްރޮމޯޝަން އެކުންފުނިން ހިންގީ ރޯދަ މަހާ ދިމާކޮށް އެކިއެކި ގޮތްގޮތުން އެކުންފުނީގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ހަދިޔާތަކެއް ދޫކުރުމުގެ ބޭނުމުގައި ކަމަށެވެ.

މީޑިއާނެޓުގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ސިމާނާ އިސްމާއިލް --ސަން ފޮޓޯ/ފަޔާޒު މޫސާ

އެގޮތުން ގިނަ ސްޕޮންސަރުންތަކެއްގެ ބޮޑެތި އެހީތަކެއް އެ ޕްރޮމޯޝަނަށް ލިބިގެން ދިޔަ ކަމަށް ސިމާނާ ވިދާޅުވި އެވެ.

ރޯދަ ހަދިޔާ ޕްރޮމޯޝަން މީޑިއާ ނެޓުން ގެންދިޔައީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ޕްރޮމޯޝަނުގައި، މީޑިއާނެޓުގެ ޑިކޯޑާރެއް ނުވަތަ ސެޓަޕް ބޮކްސްއެއް ގަންނަ ކޮންމެ ފަރާތަކަށް ޚާއްސަ ގުރުއަތުލުމެއްގައި ބައިވެރިވެވެ އެވެ. އެ ގުރުއަތުލުމުން ހޮވޭ ފަރާތަކަށް ލިބެނީ ޓާކިޝް އެއާވޭޒްގެ ފަރާތުން ދެ ބޭފުޅަކަށް އިސްތަންބޫލްއަށް ދަތުރުކުރުމުގެ ދެކޮޅު ޓިކެޓެވެ. މި އިނާމު ލިބިފައި ވަނީ މުހައްމަދު ރިޒްވީން އަށެވެ.

މީޑިއާނެޓް ރޯދަ ހަދިޔާ ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

ދެވަނަ ޕްރޮމޯޝަނެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ ހަރަކާތަކީ، މީޑިއާނެޓުގެ ކޮންމެ ޚިދުމަތެއްވެސް ހޯދުމަށް މީޑިއާނެޓުގެ އޮފީހަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގުރުއަތުލުމެކެވެ. މި ގުރުއަތުލުމުން ޖުމްލަ ތިން ނަސީބުވެރިއަކު ހޮވާފައިވާ އިރު، ނަސީބުވެރިންނަށް ލިބެނީ އެމިރޭޓްސްގެ ފަރާތުން ހުށަހަޅާ، ކޮލޮމްބޯ ދެކޮޅު ޓިކެޓެވެ.

ކޮލޮމްބޯއަށް ދިއުމަށް ދެކޮޅު ޓިކެޓު ލިބުނު ތިން ފަރާތަކީ ރަހޫ އަހްމަދު، އަރީފް އަލީ އަދި މުހައްމަދު ނައުޝާދެވެ.

މީގެ އިތުރުން ރޯދަ ހަދިޔާ ޕްރޮމޯޝަނުގެ ދަށުން، މީޑިއާނެޓުން ތައާރަފު ކޮށްައިވާ ކެޗްއަޕް ޓީވީއާއި އޯޕަން ޓީވީ ބެލުމަށް ވިއްކާ މޮޑެމް ގަތުމުން 40 އިންޗީގެ ޓީވީއެއް ހަތަރު ފަރާތަކަށް މީޑިއާނެޓުން ވަނީ ހަދިޔާ ކޮށްފަ އެވެ.

މީޑިއާނެޓް ރޯދަ ހަދިޔާ ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

ސާޅީސް އިންޗީގެ ޓީވީ ލިބުނު ނަސީބުވެރިންނަކީ އަގްލީނާ، ރިޔާޒް، އަހްމަދު މާޒިން އަދި އަބްދުﷲ ސައީދެވެ.

މީޑިއާނެޓުން މައުލޫމާތު ދޭ ގޮތުގައި، އެކުންފުނިން ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ތަފާތު ކެމްޕޭނުތަކާއި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެ އެވެ.

އެކުންފުނިން ޔޫރޯ ފުޓުބޯޅަ މުބާރާތަށް ޚާއްސަކޮށްގެން މިހާރުވެސް ދަނީ ޚާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަމުންކަން ފާހަގަ ކޮށްލެވެ އެވެ.