30 Jun 2016, 00:00
ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުންތަކަށް ރައްޔިތުން މަޖިލީހުން ތާއީދުކުރަންޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
"ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އާމިރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީ ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ ދައުލަތަށް އާމްދަނީ ލިބިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރަށް އާމްދަނީ ހޯދުމަށާއި ސަރުކާރުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކަށް އެމްޑީއޭ އިން ތާއީދު ކުރާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިޚްތިޔާރުތަކެއް އެބައޮތް. އެކަން ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެއްބާރުލުން ދިނުމަކީ އެމްޑީއޭގެ މަގްސަދު،" އާމިރު ވިދާޅުވި އެވެ.
ކޯލިޝަންގައި ތިބިހާ ހިނދަކު ސަރުކާރުގެ ސިޔާސަތުތަކަށް އެމްޑީއޭ އިން ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް މިއަށްވުރެ ބޮޑެތި މަޝްރޫއުތަކެއް ހިންގި ސަރުކާރެއް މިހާތަނަށް އޭނާ ނުދެކޭ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ތަރައްގީ އަށް ކޮށްދޭންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރަށް އެހީތެރިވެދިނުމަކީ ރައްޔިތުން މަޖިލީހުގެ ހުރިހާ މެމްބަރުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް އާމިރު ވިދާޅުވި އެވެ.
ގާނޫނުން ލިބިފައިވާ ބާރުތައް މިހާތަނަށް ވެސް ރައީސް އަބްދުﷲ ޔާމީން ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިނުވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް އެމަނިކުފާނު އަމަލުކުރައްވާނެ ކަމަށް ނުދެކޭ ކަމަށް އާމިރު ވިދާޅުވި އެވެ.
"ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ސަރުކާރަކީ އެއްބާރު. އެހެންވީމަ ހުރިހާ ކަމެއް ބޭނުންހާ ގޮތަކަށް ސަރުކާރުން ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި އެގޮތަށް އެކަން ކުރާނަމަ އެކަމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކެއް ނެތްކަމަށް ގަބޫލެއް ނުކުރަން. ފިޔަވަޅު އެޅޭނެ ގޮތްތަކެއް އެބަހުރި،" އާމިރު ވިދާޅުވި އެވެ.