ލިޔޯންގެ ފްރާންސް ޑިފެންޑަރު ސަމުއެލް އުމްޓިޓީއާއެކު ސްޕެއިންގެ ބާސެލޯނާއިން އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ލިޔޯންގެ ރައީސް ޖިއާން މިޝެލް އޯލަސް ވިދާޅުވެއްޖެ އެވެ.

ބާސާ އިން އުމުރުން 22 އަހަރުގެ އުމްޓިޓީ ހޯދުމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާ އިރު، ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ މާކުއުނިއޯސް ހޯދުމަށް ވެސް ބާސާ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބާސާއާ އުމްޓިޓީ ގުޅެނީ 30 މިލިއަން ޔޫރޯ އަށް ކަމަށް ހަބަރުތައް ބުނަމުންދެ އެވެ.

"ބާސާ އިން އުމްޓިޓީ ގެންދިއުމަށް އެއްބަސްވުމަކާ ހިސާބަށް ގޮސްފަ ވަނީ. އޭނާ ހިތްއެދޭ ކްލަބަށް ކުޅެވޭ ގޮތެއް ވެއްޖެއްޔާ އެކަމަށް މަގުފަހިކޮށްދޭނެ ކަމަށް އަހަރެމެން ވާނީ ވައުދުވެފަ. ހަމަ އެގޮތަށް ކުރިން ކަރިމް ބެންޒެމާ ރެއާލް މެޑްރިޑާ ގުޅެން ބޭނުންވީމަ އެކަން ކޮށްދީފަ ވާނީ،" ލިޔޯންގެ ރައީސް ވިދާޅުވި އެވެ.

އޭނާ ބުނީ، މި ވަގުތު އުމްޓިޓީ އަށް އެންމެ މުހިންމީ ފްރާންސްގެ ގައުމީ ޓީމާއެކު ޔޫރޯ ކަމަށާއި ތިން ޕާޓީން އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އުމްޓިޓީ ލިޔޯން ދޫކޮށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޔޫރޯގެ ކުއާޓާ ފައިނަލުގައި އައިސްލެންޑާ ދެކޮޅަށް ފްރާންސް ކުޅޭ މެޗަށް ޑިފެންޑަރު އަދިލް ރަމީ ސަސްޕެންޑްވުމާ ގުޅިގެން އެ މެޗުގައި އުމްޓިޓީ ފެނުން ގާތެވެ.