29 Jun 2016, 21:55
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ހ. ބްރެޑްލީ އަހުޒާމް ނައީމާއި ގ. ތަބުރުގޭ މުހައްމަދު ބިޝާރު އިސްމާއީލް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ދައުލަތަށް ނެގުމަށެވެ.
ކްރިމިނަކް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ރޭ 9:18 ހާއިރު ސައްޔިދުކިލެގެފާނުމަގުގައި ހުންނަ އޭޖޭ އެމްޕޯރިއަމް ފިހާރަކައިރީގައި ބިޝާރު މަޑުކޮށްގެން ހުއްޓައި އަހުޒާމް އިތުރު މީހަކާ އެކު އެތަނަށް ގޮސް އެތަނުގައި މަޑުކުރިވަގުތު ބިޝާރު އޭނައަށް ކޮތަޅެއް ހަވާލުކުރިކަމާއި އެކޮތަޅު އަހުޒާމްގެ ހިޔާޒަތުގެ ދަށުން ފެނިފައިވާކަން ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާ ކަމަށެވެ.
އެ ކޮތަޅުގެ ތެރެއިން ފެނުނު ހަތަރު ފިލްމްހުސްކުރި ދަޅުގައި ގައި 126.6282 ގުރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ. އެހެންކަމުން އެ ދެ މީހުން އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ހުކުމްގައި އެ ދެ މީހުންނަށް ވަނީ އަންގާފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އަހުޒާމް ލައިގެންހުރި ޖީންސްގެ ކަނާތްފަރާތު ފަހަތު ޖީބުން ފެނުނު 52385 ރުފިޔާ އާއި ބިޝާރު ދިރިއުޅޭ ގ.ތަބުރުގެ ފުލުހުން ބަލައި ފާސްކުރިއިރު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނުނު 1030500 ރުފިޔާ އާއި 66333 އެމެރިކާ ޑޮލަރާއި 300 ޔޫރޯ އާއި 200 ސިންގަޕޯ ޑޮލަރަކީ ކޮންގޮތަކުން ލިބުނު ފައިސާކަން ބިޝާރު އާއި އަހުޒާމަށް ބުނެދެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ކަނޑައަޅައި އެ ފައިސާ ދައުލަތަށް ނެގުމަށް ވަނީ ހުކުމް ކޮށްފަ އެވެ.