ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފު އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގައި ހުރި ފާރޫގް މުހައްމަދު ހަސަން އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ސީއީއޯގެ މަގާމުން ފާރޫގް ވަކިކުރީ މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއްގައެވެ. ނުވަ މެމްބަރުން ތިއްބަވާ އެލްޖީއޭގެ ބޯޑުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ހަ މެމްބަރުންނެވެ.

ފާރޫގް މަގާމުން ވަކިކުރަން ފާސްވީ ބައްދަލުވުމުގައި ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފާރޫގް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރިކަން ރަސްމީކޮށް އަންގާފައިނުވާ ކަމަށެވެ.

މަގާމުން އޭނާ ވަކިކުރީ ބޯޑުގައި ހިމެނޭ ބައެއް މެމްބަރުންގެ ޒާތީ މައްސަލައެއްގައި ކަމަށާއި މަގާމުން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާނެ ކަމަށް ފާރޫގް ވިދާޅުވި އެވެ.

މީގެ ކުރިން ހޯމް މިނިސްޓަރުގެ ނައިބު ކަންވެސް ކުރައްވާފައިވާ ފާރޫގް އެލްޖީއޭގެ ސީއީއޯ އަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގައެވެ.