19 May 2011, 18:44
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ޕާޓީ ދޫކުއްރައްވައި ވަޑައިގެންނެވުމުގެ ޒިންމާ އުފުލަންޖެހޭނީ ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެއްދި ޒެޑްފެކްޝަނުން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ޑީއާރްޕީން ވަކިވެވަޑައިގަތުމާ ގުޅިގެން އޭނާގެ އެ ނިންމުމާމެދު ކަންބޮޑުވުންފާޅުކޮށް، ދިޓީވީގައި މިއަދު ބޭއްވި ނޫސްވެރިންގެ މައުލޫމާތު ދެއްވަމުން ތަސްމީން ވިދާޅުވީ އަލީ ވަހީދު ޕާޓީން ވަކިވުމުގެ ޒިންމާ އުފުލަންޖެހޭނީ ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން އުފައްދައި ޕާޓީގެ ނިންމުންތަކާ އިދިކޮޅަށް މަސައްކަތް ކުރާ ޒެޑްފެކްޝަނުން ކަމަށެވެ.
އެކަމުގެ ޒިންމާ ޑީއާރްޕީގެ ޒައީމް އުފުލަންވަންޖެހޭނެތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވައި ތަސްމީން ވިދާޅުވީ އެއީ ކޮންމެ ބޭފުޅަކު ކަމުގައި ވިޔަސް އެކަމުގެ ޒިންމާ އެމީހަކު އުފުލަންޖެހޭނެ ކަމަށެވެ.
"ހިޔާލު ތަފާތުވެގެން ނުކުމެ، ޕާޓީގެ އަސާސީ ގަވާއިދާ ޕާޓީގެ ނިންމުންތަކާ އިދިކޮޅަށް ކަންތައްތައް ކުރާ ފަރާތަކުގެ ޒިންމާ މިކަމުގައި އޮންނާނެ. އެއީ ކޮންމެ ބޭފުޅަކު ކަމުގައި ވިޔަސް،" ތަސްމީން މިއަދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަލީ ވަހީދު ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ސަބަބު، އެއްވެސް ގޮތަކަށް ނުވިސްނޭ ކަމަށާއި އޭނާ ޕާޓީ ދޫކުރުމަކީ ޑީއާރްޕީއަށް ލިބޭނެ ހީނަރުކަމެއް ކަމަށެވެ. އަދި މި ދަނޑިވަޅަކީ ޕާޓީގެ މެންބަރުން މާޔޫސް ވާންޖެހޭނެ ވަގުތެއް ނޫން ކަމަށާއި މިއަށް ވުރެ ބޮޑެތި ގޮންޖެހުންތަކާ ޕާޓީ ކުރިމަތިލިއިރު، ޕާޓީގެ މެންބަރުން ޑީއާރްޕީގައި ދެމިތިބި ކަމަށް ވިދާޅުވި އެވެ.
ޑީއާރްޕީގެ ކައުންސިލް މެމްބަރު ހަސަން ސުޖާއު އާއި އަލީ ވަހީދު ޕާޓީ ދޫކުއްރައްވައި ވަޑައިގެންނެވުމުން، އިތުރު ކައުންސިލް މެންބަރުންތަކެއް އަދި މަޖިލިސް މެންބަރުތަކެއް ޕާޓީ ދޫކުރައްވައި ވަޑައިގަންނަވާފާނެތޯ ސަން އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ތަސްމީން ވިދާޅުވީ ލީޑަޝިފުން ފެންނަ މަންޒަރަށް ބަލައި އިތުރު ބޭފުޅަކު ޕާޓީ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށާއި ނަމަވެސް އެއިން ބޭފުޅަކު ޕާޓީ ދޫކުރައްވައި ވަޑައި ނުގަންނަވާނެ ކަމަށް ވެސް ދެންނެވެސް ނެތް ކަމަށެވެ.
"އަޅުގަނޑަށް މިހާތަނަށް ފެނިފައި އޮތް މަންޒަރުން އެ ޔަގީންކަން އެބައޮތް، ބޭފުޅަކު ނުދާނެއެކޭ ނޫން. މީގެ ކުރިންވެސް އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު]އަލްހާން ފަހުމީ[ ވަކިވެގެން ހިގައްޖެ. އެހެންނަމަވެސް މިވީ ދެ އަހަރެއްހާ ބައިގެ ތެރޭގައި ސަރުކާރުން ]މަޖިލީސް[ މެންބަރުން ބަދަލު ކުރުމަށްޓަކާ، ސިޔާސީ އެކިބޭފުޅުން އެމްޑީޕީއަށް ބަދަލު ކުރުމަށްޓަކާ ސަރުކާރުގެ ތެރެއަށް ގެންދިއުމަށްޓަކާ ކުރަމުންއައި މަސައްކަތަކީ އެންމެނަނަށް ވެސް ފެންނަން އޮތް ހަގީގަތެއް،" އެމްޑީޕިން މަޖިލިސް މެންބަރުނާއި ސިޔާސީ ފަރާތްތަށް ސަރުކާރު ހިންގާ އެމްޑީޕީއަށް ބަދަލު ކުރުމަށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާ ކަމަށް ތުހުމަތުކޮށް ތަސްމީން މިއަދު ވިދާޅުވި އެވެ.
އިދިކޮޅު ބައެއް މެންބަރުން އެމްޑީޕިއާ ގުޅޭނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލީބޭނެ ކަމަށް މީޑިއާގައި ފެތުރެމުންދާ އަޑުތަކާ ގުޅިގެން ތަސްމީން ވިދާޅުވީ އަލީ ވަހީދު ޑީއާރްޕީ ދޫކޮށްފައި ދިއުމަކުން މަޖިލީހުގައި އިދިކޮޅު ޕާޓީތަކުގެ މެޖޯރިޓީ ގެއްލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.