29 Jun 2016, 20:16
ލީތަލް އިންޖެކްޝަން ޖަހައިގެންނާއި ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރާގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
އެ ގޮތަށް ހަމަޖައްސާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހުގީގު ކުރުމުގައި އާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދަށް ގެނައި އިސްލާހުގަ އެވެ. އެ އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
އެ ގަވާއިދު އެގޮތަށް އިސްލާހުކޮށްފައިވާއިރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރާނީ ދަންޖައްސައިގެން ކަމަށާއި އެގޮތަށް ގަވާއިދު ވަނީ އެކުލަވާލާފައި ކަމަށެވެ. ނަމަވެސް އުމަރު އިސްތިއުފާދެއްވި އިރު އެ ގަވާއިދު ގެޒެޓުކޮށްފައެއް ނުވެއެވެ.
ދަށު ކޯޓުން އިއްވާ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރާތާ 30 ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރާގޮތަށް ގަވާއިދަށް އިސްލާހު ގެންނާނެ ކަމަށް އުމަރު ވިދާޅުވެފައިވީނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރާނެ މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.