ރާމަﷲ (ޖޫން 29): ފަލަސްތީނުގެ މައްސަލަ ހައްލު ކުރެވޭނީ އިސްރާއީލަށް ދައުލަތެއް ގާއިމްކޮށްފައި އޮތް ގޮތަށް ފަލަސްތީނަށް ވެސް ދައުލަތެއް ގާއިމްކޮށްގެން ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ކުރައްވާ ދަތުރުފުޅެއްގައި ރާމަﷲ އަށް ވަޑައިގެން ރައީސް މަހްމޫދު އައްބާސް އާ ބައްދަލުކުރެއްވުމަށްފަހު ބާންކީ މޫން ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށްޓަކައި އިސްރާއީލުން ބިނާކުރާ ޔަހޫދީ އާބާދީތަކުގެ މަޝްރޫޢަކީ ސުލްޙައާ އިދިކޮޅު އަދި އދ. ގެ ގަރާރުތަކާވެސް ޚިލާފު މަޝްރޫޢެއްކަމުގައެވެ.

ބާންކީ މޫން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތާރީޚީ އަނިޔާވެރިކަން ނިމުމަކަށް ގެނެވޭނީ އިސްރާއީލަށް އަމާންކަން ދިނުމާއެކު އިސްރާއީލުން ފަލަސްތީނުގެ ބިންތަކުން ފާބައި އެބިންތައް ފަލަސްތީނު ރައްޔިތުންނާ ހަވާލުކުރުމުން ކަމުގައެވެ.

މިބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެސްގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލު ހިންގާ ޣައިރު ޤާނޫނީ މަޝްރޫއު ހުއްޓާލުމަށް އިސްރާއީލަށް ގޮވާލައްވާފަ އެވެ. އަދި ފަލަސްތީނު އޮތީ އިސްރާއީލު ފަލަސްތީނުގެ ބިންތަކުން ފޭބުމުން އިސްރާއީލަށް އަމާންކަން ދިނުމަށް ތައްޔާރަށް ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ. ބާންކީ މޫންވަނީ އިސްރާއީލުގެ ޙިސާރުގެ ދަށުގައިވާ ފަލަސްތީނުގެ ޣައްޒާއަށް ވެސް ޒިޔާރަތް ކުރައްވައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ. ގެ އޮނަރުވާ ޖަމްޢިއްޔާއިން ހިންގާ މަޝްރޫއުތަކާއި ހަރަކާތްތައް ބައްލަވާލައްވާފައެވެ.

ޣައްޒާގައި ވާހަކަ ދައްކަވަމުން ބާންކީމޫން ވަނީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ކުށްވެރި ކުރައްވައި އެއީ އިންސާނީ ހައްގުތަކާ ޚިލާފު އަނިޔާވެރި ފިޔަވަޅުތަކެއްކަމަށް ސިފަކުރައްވާފައެވެ.

އިސްރާއީލު ގެންދަނީ 1967 ގެ ހަނގުރާމައިގާ ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުންނާއި ސޫރިޔާގެ ގޯލާންގެ ބިންތަކުން ފޭބުމަށް ދެކޮޅު ހަދައި އަނިޔާވެރިކަމާއި އިސްތިޢްމާރު ކުރިޔަށްނެރެމުންނެވެ. އަދި ފަލަސްތީނުގެ ބިންތަކުންނާއި އަރަބި އެހެން ބިންތަކުން ފޭބުމަށް އިސްރާއީލަށް ގޮވާލާ އދ. ގެ ގަރާރުތަކަށްވެސް އިސްރާއީލުން ގެންދަނީ ދެކޮޅު ހަދަމުނެވެ.

އިސްރާއީލުން މިހަރުކަށި އަދި ގާނޫނާ ޚިލާފު އަމަލުތައް ހިންގަމުން ގެންދާއިރު އެމެރިކާ ގެންދަނީ އދ. ގައާއި ބައިނަލްއަގްވާމީ އެހެން މުއައްސަސާތަކުގައި އިސްރާއީލު ޙިމާޔަތްކޮށް އިސްރާއީލަށް ހަތިޔާރާއި އެނޫންވެސް އަސްކަރީ ސާމާނު ފޯރުކޮށްދީ ފަލަސްތީނުގެ ބިންތައް ހިފައިގެން އޮތުމަށް އިސްރާއީލަށް ހިއްވަރު ލިބޭފަދަ އަމަލުތައް ހިންގަމުންނެވެ. (އަލްޖަޒީރާ)