ފްރާންސްގެ ޕީއެސްޖީގެ އާ ކޯޗަކަށް، ސްޕެއިންގެ ސެވިއްޔާގެ ކުރީގެ ކޯޗު އުނެއި އެމެރީ ހަމަޖައްސައިފިއެވެ.

އުމުރުން 44 އަހަރުގެ އެމެރީ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވީ، ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ސްޕެއިންގެ ކޯޗެއް ކަމަށްވާ އެމެރީ، ޕީއެސްޖީއާ ގުޅިފައިވަނީ، ކުރީން އެޓީމުގެ ކޯޗުކަމުގައި ހުރި ލޮރަން ބްލޮންކް ތިން އަހަރަށް ފަހު މިދިޔަ ހޯމަ ދުވަހު ފްރާސްގެ ލީގު ޗެމްޕިއަންގެ ކޯޗުކަމުން ވަކިވުމުންނެވެ.

އެމެރީ ބުނީ، ފާއިތުވި އަހަރު ތަކުގެ ތެރޭގައި ހޯދި ކުރިއެރުންތަކާއެކު ޕީއެސްޖީ މިހާރު ވަނީ ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބްތަކުގެ ތެރޭގައި ހިމެނިފައި ކަމަށާއި، އެފަދަ ބޮޑު ކްލަބެއްގެ ކޯޗުކަމާ ހަވާލުވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑޫ ޝަރަފެއް ކަމަށެވެ. އެހެންކަމުން އެ ކްލަބުން ކަނޑައަޅާ އަމާޒަށް ވާސިލްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދޭނޭ ކަމަށް އެމެރީ ބުންޏެވެ.

"ޕީއެސްޖީގެ ކޯޗުކަމާ ކުރިމަތި މިލަނީ ވަރަށް ބޮޑަށް ފަހުރުވެރިވާ ހާލުގައި،" ކުރިން ސްޕެއިންގެ ވެލެންސިއާއަށް ވެސް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.

ކޯޗުކަމުގެ ދާއިރާއަށް ނުކުތުމުގެ ކުރީން، އެމެރީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ސްޕެެއިންގެ ދެވަނަ ޑީވިޝަންގައެވެ.

އެމެރީ ވަނީ، އޭނާ ސެވިއްޔާގައި ހޭދަރި ތިން ސީޒަންގައި ވެސް އެ ކްލަބަށް ޔޫރޮޕާ ލީގު ހޯދައިދީފައެވެ.