މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް "ޔަގީން" ކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 28 ރަށަކަށް 28 އެމްބިއުލާންސް ގެންނަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަނީ އެސްޓީއޯ އާ ހަވާލުކޮށްގެންނެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު އެވެ.

އެ މަސައްކަތާ ގުޅޭ މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ގާސިމް ވިދާޅުވީ 28 އެމްބިއުލާންސަށް ސަރުކާރުގެ ބަޖެޓުން 5.34 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިންމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެމްބިއުލާންސްތައް ގެނެވި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމްބިއުލާންސްތައް ރަށްރަށަށް ފޮނުއްވައި ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އެމްބިއުލާންސްތައް ގެންނަނީ އިންޑިއާ އިން ކަމަށެވެ. އިންޑިއާ އިން ވެހިކަލްތައް ގެންނަން ނިންމީ، އެއިން އުޅަނދަކަށް މައްސަލައެއް ދިމާވެ، ސްޕެއާ ޕާޓެއް ބޭނުން ވިޔަސް ފަސޭހައިން އެތަކެތި ލިބޭނީ އިންޑިއާ އިން ކަމަށް ވާތީ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، ބަލިމީހުން އުފުލުމަށް ރައީސް ޔާމީން ވެ ވަޑައިގެންނެވި ވައުދު މިއަދު ފުއްދަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސީ އެމްބިއުލާންސް ގާއިމްކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭން ވޭތުވެދިޔަ އަހަރު ސިއްހީ ހިދުމަތްދޭ ތަންތަނަށް 56 އެމްބިއުލާންސް ހޯދައިދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 158 ރަށެއްގައި 189 އެމްބިއުލަންސްގެ ހިދުމަތް ފޯރުކޮށްދެވެމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އަލަށް ގެންނަ އެމްބިއުލާންސްތައް ގެނެސް، މަރާމާތު ކުރަންޖެހޭ އެމްބިއުލާންސްތައް މަރާމާތުކޮށް މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.