ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ކައުންސިލްގެ އިދާރާގެ މުދަލާއި އަދި ކ. ތުލުސްދޫގައި ހުރި އަތޮޅު ކައުންސިލް އިދާރާގެ ތަޅުދަނޑި އެ ކައުންސިލްތަކާ ވީހާވެސް އަވަހަކަށް ހަވާލުކުރުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ހޯމް މިނިސްޓަރު ހަސަން އަފީފަށް ލަފާ ދެއްވައިފި އެވެ.

ލޯކަލް ކައުންސިލްތައް ހުވާކުރުމަށްފަހު ށ. އަތޮޅުގެ ވެރިކަން ފުނަދޫއަށް އަދި މާލެ އަތޮޅުގެ ވެރިކަން ތުލުސްދޫއަށް ބަދަލު ކުރުމަށް އެ އަތޮޅުގެ ކައުންސިލުން ނިންމުމާ އެކު ފުނަދު އާއި ތުލުސްދޫގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ތަހުގީގު ކުރުމަށް ފަހު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މިއަދު އާންމު ކުރި ރިޕޯޓުގައި އެ ދެރަށަށް ފުލުހުން ފޮނުވުމުގައި އަފީފް ކުރެއްވި އަމުރުގެ މައްޗަށް ވަނީ ވަރަށް ތަފްސީލްކޮށް އަލިއަޅުވާލައިފަ އެވެ.

ފުނަދޫގައި ހުންނަ ށ. އަތޮޅު ކައުންސިލް އިދާރާގެ އިމާރާތް ފުލުހުންނާއި ހަވާލުކުރުމަށް ފުލުހުން އަތޮޅު ކައުންސިލަށް އެންގި އެންގުމާ ގުޅޭގޮތުން ޕޮލިސް އިންޓަގްރިޓީން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 127 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހުރިއްޔާ ލިޔުމަކުން ކައުންސިލަކާއި ވަކި އިދާރާއެއްގައި ހުރި އުފުލޭ މުދަލާއި ނުއުފުލޭހާ މުދާ ހަވާލުކޮށްފައިނުވާނަމަ އެތަންތަން ހިމާޔަތް ކުރުމަކީ ފުލުހުންނަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"...ވެރިކަން ކުރާ ރަށަކީ ފުނަދޫ ކަމަށް ކަނޑައަޅާފައިވާތީ، މިލަދުންމަޑުލު އުތުރުބުރީ ކައުންސިލްގެ އިދާރާގެ ހުރި އުފުލޭ މުދަލާއި ނުއުފުލޭ މުދާ އެސާކިއުލާގެ ދަށުން ހަވާލުކޮށްފައިވާ ނަމަ އެކަން ވީހާ އަވަހަކަށް ނިމުމަކަށް ގެނެސްދެއްވުމަށް (އެދެމެވެ)،" އިންޓަގްރިޓީ ކޮމިޝަނުން ހޯމް މިނިސްޓަރު އަފީފަށް އެ ރިޕޯޓުގައި ލަފާ އަރުވާފައިވެ އެވެ.

ތުލުސްދޫގެ މައްސަލައިގާ ހޯމް މިނިސްޓަރު އަފީފަށް ޕޮލިސްއިންޓަގުރިޓީ ކޮމިޝަނުން އަންގާފައިވަނީ ފުލުހުން އަތުލި ފޮނަދޫގައި ހުންނަ މާލެ އަތޮޅު ކައުންސިލްގެ ތަޅުދަނޑި އަނބުރާ ކައުންސިލާ ހަވާލުކުރުމަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުންވެސް އަމުރުކޮށްފައިވާތީ އެ ތަޅު ދަޑި މާލެ އަތޮޅު ކައުންސިލްގެ ރައީސް ނޫނީ ކައުންސިލްގެ އިދާރާ އާއި ވީހާވެސް އަވަހަކަށް ހަވާލުކުރުމަށެވެ.

އެ ކޮމިޝަނުން ވަނީ އެދެރަށައް ފުލުހުން ފޮނުވުމަށް ހަސަން އަފީފް ކުރެއްވި އަމުރާ ގުޅިގެން ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހަރަކާތްތެރިވީ އެންމެ މިނިވަން އަދި މުސްތަގިއްލު ވެއްޓެއްގައި ނޫންކަން ފާހަގަކޮށްފަ އެވެ.

"ހޯމް މިނިސްޓަރު ފުލުހުންނަށް ކުރެއްވި އަމުރު ތަންފީޒްކުރުމަށް ފުލުހުންނަށް ކުރެއްވި އަމުރު ތަންފީޒު ކުރުމަށް ފުލުހުން ހަރަކާތްތެރިވިއިރު ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 244 ވަނަ މާއްދާގެ (ރ) ގައިވާ ގާނޫނީ ނެގެހެއްޓުމުގެ މަގުސަދު ހާސިލްކުރުމަށާއި ގާނޫނު ނަމްބަރު 2008/5 (ފުލުހުންގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ 3 ގައިވާ ގޮތުގެ މަތިން ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރު މިނިވަން ކަމާއި އެކު ބޭނުންކޮށް އެންމެ ފުރިހަމަ ގޮތުގައި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރެވޭ ފަދަ މާހައުލެއް ނެތް ކަން މި ކޮމިޝަނުން ނިންމައިފީމެވެ،" ޕޮލިސްއިންޓް ގްރިޓީ ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.

ހޯމް މިނިސްޓަރު އަފީފަށް ކޮމިޝަނުން އަރުވާފައިވާ ބައެއް ލަފާތަކުގެ ތެރޭގައި ފުލުހުންނަށް އަމުރު ނެރުއްވުމުގެ ކުރިން ފުލުހުންގެ އިސްމަގާމުތަކުގައި ތިއްބެވި އިސްބޭފުޅުންނާއި އަދި ގާނޫނީ ވަކީލުންގެ ލަފާހޯދުމަށާއި ފުލުހުންނަށް އަމުރު ކުރުމުގެ ކުރިން ޝަރުއީ ކޯޓުތަކުގެ ހުކުމަށް އިސްކަން ދިނުމަށް ވެސް އިންޓަގްރިޓީން ވަނީ އެދިފަ އެވެ.

"މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅުއްވާއިރު މިހާރަށް ވުރެ ބޮޑަށް ބައްލަވާފައި ނޫނީ ފިޔަވަޅު ނޭޅުމަށް ދަންނަވަމެވެ،" އިންޓަގުރީޓިން އަފީފަށް އިއުތިމާސްކޮށްފައިވެ އެވެ.

އަދި އެ އޮޕަރޭޝަންގައިވެސް ފުލުހުން އަމަލުކޮށްފައިވާ ގޮތުން އެއްވެސް ފުލުހެއްގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ ކުރަން ނުޖެހޭ ކަމަށްވެސް އިންޓަގްރީޓިން ވަނީ ނިންމައިފަ އެވެ.

ނަމަވެސް ށ. ފުނަދޫގެ ހާލަތާއި ނުގުޅޭ ވަރަށް ރަޔަޓް ގިޔަރުގެ ފުލުހުން ގޮސް ހަރަކާތްތެރިވުމުން ރަށުގެ ރައްޔިތުންނަށް ނަފްސާނީ ގެއްލުން ލިބިފައިވާކަން ވަނީ އެ ރިޕޯޓްގައި ފާހަގަ ކޮށްފަ އެވެ.

ކައުންސިލްތައް ހުވާކުރުމަށް ފަހު ހިނގާ ދިޔަ ތަފާތު ހަމަނުޖެހުންތަކުގައި ފުލުހުންނާއި އާންމު ރައްޔިތުންނަށް އަދި ދައުލަތުގެ މުދަލަށް ވެސް ވަނީ ތަފާތު ގެއްލުންތައް ވެފަ އެވެ.