އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ރަށް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

އެގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

އެ އިސްލާހު މަޖިލީހުން ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 45 މެމްބަރުންގެ ވޯޓާ އެކު އެވެ. އިސްލާހު ފާސްކުރުމާ ދެކޮޅަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ.

އެ ބިލު މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ، އިސްލާހަށް ވޯޓް ނުދެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފައި ވަނިކޮށެވެ.

ސަބަބެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުރިއެރުމަށް ގެއްލުންތައް ލިބުމާއި އެ ޕާޓީގެ އަސާސީ ގަވައިދާ އެ އިސްލާހު ހިލާފުވުން ކަމަށެވެ.

ނިހާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާންމުކޮށް އިއުލާނުކޮށްގެން، އަދި ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ.

އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާ އެކު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ. އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާ އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި، އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމެވެ.

ނިހާން ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔެއް އަދި ޖޫރިމަނާއެއް އޮތަސް، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 99 އަހަރަށް އެ ރަށެއް އެ ބަޔަކަށް ކުއްޔަށް ދެވިދާނެ ކަމަށެވެ. އެފަދަ އެއްބަސްވުމެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފަސް ކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަމަށް އެ ބިލުގައިވެ އެވެ.

ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ގާއިމްކުރާ އެއްބަސްވުމުގެ ތަފްސީލުތަކެއް އެ ބިލުގައި ހިމަނާފައެއް ނުވެ އެވެ. ބިލު ތަސްދީގު ކުރުމުން ހަދަން ޖެހޭ ގަވާއިދެއްގައި އެފަދަ އެއްބަސްވުމެއްގައި ހިމަނަން ޖެހޭނެ ކަންތައްތަކެއް ވެސް ފާހަގަކޮށްފައެއް ނުވެ އެވެ.

ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްތަކާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާއާ އެކު އެކުލަވާލައި އާންމުކުރަން ޖެހޭނެ އެވެ. އެ ލިސްޓަށް އުނި އިތުރެއް ގެނެވޭނީ ވެސް ރައީސް އޮފީހުގެ ހުއްދައާއެކު ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރުމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އޭގެ އިތުރުން ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުން އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ޓެކްސް ނެގުމަށް ވެސް އިސްލާހުގައިވެ އެވެ.

ނިހާނު ފުރަތަމަ ހުށަހެޅުއްވި ބިލުގައި ވަނީ ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ފަތުރުވެރިއެއްގެ އަތުން ހަ ޑޮލަރު ނެގުމަށެވެ. ނަމަވެސް އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ އިން ވަނީ އެ އަދަދު ތިން ޑޮލަރަށް ކުޑަކޮށްފަ އެވެ.