29 Jun 2016, 15:42
ވޮޝިންޓަން (ޖޫން 29): އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުން ގުޅިގެން ފުރަތަމަ ފަހަރަށް ބާއްވާ މިސައިލް ޑިފެންސް ޑްރިލްތައް ފަށައިފި އެވެ.
ޕެސިފިކް ޑްރެގަންގެ ނަންދީފައިވާ އެޑްރިލްތަކުގެ ސަބަބުން ތިން ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ވާނެ ކަމަށް އެމެރިކާ އަސްކަރިއްޔާ އިން ބުނެފައިވެ އެވެ.
އަދި އެޑްރިލްތަކުގައި އެއްވެސް މިސައިލެއް ލޯންޗު ނުކުރާ ކަމަށާއި ނަމަވެސް ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ އީޖިސް ބެލިސްޓިކް މިސައިލް ޑިފެންސް ސިސްޓަމް ޓެސްޓްކޮށްފައި ވާނެ ކަމަށް އަސްކަރިއްޔާ އިން ބުންޏެވެ.
އީޖިސް ބެލިސްޓިކް މިސައިލް ޑިފެންސް ސިސްޓަމަކީ ބެލިސްޓިކް މިސައިލްތައް ޖައްވުގައި ވަނިކޮށް ވައްޓާލަން ހަނގުރާމަވެރި ބޯޓުތަކުން ބޭނުން ކުރާ ދިފާއީ ސިސްޓަމެކެވެ.
އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރެއާ އިން މިސައިލް ޑިފެންސް ޓެސްޓުތައް ފަށާފައި ވަނީ އުތުރު ކޮރެއާއިން ކާމިޔާބުކަމާ އެކު ބެލިސްޓިކް މިސައިލެއް ޓެސްޓު ކުރި ފަހުންނެވެ. މީގެ ކުރިން ހަތަރު ނިއުކްލިއާ ޓެސްޓުކޮށްފައިވާ އުތުރު ކޮރެއާ އިން ވަނީ އެމެރިކާ އަކީ އެގައުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ހަތިޔާރު ޓެސްޓް ކުރަމުން ދާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)